މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ފޯވަޑް މާކަސް ރެޝްފޯޑް ދަނޑުމަތީގައި ކުޅެމުންދާ މަންޒަރު ފެނުމުން، އަމިއްލަ ނަފުސުމަތިން ހަނދާންވާކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ނަޒާރިއޯ ބުނެފިއެވެ.

މި ސީޒަންގެ ފަހުކޮޅުގައި ޔުނައިޓެޑްގެ ސްކޮޑުން ފާހަގަކުރެވިގެން ދިޔަ އުމުރުން 18 އަހަރުގެ ރެޝްފޯޑް ވަނީ، ޕްރިމިއަރ ލީގުގައި އޭނާ މިހާތަނަށް ކުޅުނު 9 މެޗުން 4 ލަނޑު ކާމިޔާބުކޮށްފައެވެ.

ދުނިޔޭގެ ފުޓްބޯޅަ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ބުނީ، ރެޝްފޯޑްގެ ކުޅުން ފެނިފައި އޭނާވެސް ހައިރާންވި ކަމަށެވެ. އަދި ރެޝްފޯޑަކީ ފުޓްބޯޅައިގެ ހުނަރު ހުރި، ރަނަގަޅު މުސްތަގުބަލެއް އޮތް ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ސިފަކުރިއެވެ.

"އެއީ އަދި ވަރަށް ޅަ ހުނަރުވެރި ކުޅުންތެރިއެއް. އަހަރެންގެ ފުޓްބޯޅައިގެ ހުނަރުތައް އޭނާގެ ކިބައި އެބަ ފެނޭ. އޭނަގެ ހިތްވަރު އެބަހުރި، އަދި ހަލުއިވެފައި ބޯޅަ ގެންގުޅޭލެއް އެހާރަނގަޅު،" އިނގިރޭސި ނޫހެއް ކަމަށްވާސަންސްޕޯޓްސްއަށް ދިން އިންޓަވިއު އެއްގައި ރެޝްފޯޑަށް ތައުރީފުކުރަމުން ރޮނާލްޑޯ ބުންޏެވެ.

ފީފާ ޕްލޭޔަރ އޮފްދަ އިޔާ ތިން ފަހަރު އަދި ބެލޮންޑިއޯ އެވޯޑް ދެފަހަ ހޯދާފައިވާ ރޮނާލްޑޯ ބުނީ، ސްޓްރައިކަރެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު އެއް ސިފައަކީ "ލަނޑު ޖެހުމަށް ފެންބޮވައިގެންފައި ހުރުން" ކަމަށާއި އެ ސިފަ ރެޝްފޯޑްގެ ކިބައިގައި އެބަ ހުރި ކަމަށެވެ.

މެންޗެސްޓާ ޔުނައިޑުގައި ރެޝްފޯޑް ދައްކަމުންދާ ކުޅުމަށް ބަލާފައި، ކުރިއަށް އޮތް ޔޫރޯއަށް އިނގިރޭސި ގައުމީ ޓީމަށް ނަގާ ސްކޮޑުން އޭނާއަށް ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލުކުރެވެއެވެ.

ޔޫރޯއާ ބެހޭގޮތުން ރޮނާލްޑޯ ބުނީ، ފްރާންސްގައި މުބާރާތް އޮތް ކަމުގައި ވީ ނަމަވެސް މިފަހަރުގެ ޔޫރޯ ކާމިޔާބުކުރާނީ އިނގިރޭސީން ކަމަށާއި މިހާރު އިނގިރޭސީންގެ ފަރާތުން ފެންނަ ކުޅުމުން އެކަން ހާމަވާ ކަމަށެވެ.

"ކޮލިފިކޭޝަންގައި އެމީހުން 10 މެޗު ކުޅުނު އިރު އެ 10 މެޗުން ވަނީ މޮޅުވެފައި. އަހަންނަށް ހީވަނީ އިންގްލެންޑްހެން މިފަހަރުގެ ފޭވަރިޓަކީ،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ، އިނގިރޭސީންނަކީ ފުޓްބޯޅައަށް ލޯބިކުރާ ބައެއް ކަމަށާއި އެހެންކަމުން އިނގިރޭސި ގައުމީ ޓީމުން މިފަހަރުގެ ޔޫރޯ ކާމިޔާބުރުން އެއީ އޭނާ ވަރަށް ދެކެން ބޭނުން ދުވަހެއް ކަމަށެވެ.