ޔުއެފާ ޔޫރޮޕާ ލީގްގެ ސެމީ ފައިނަލް މެޗުތަށް ކާމިޔާބް ކޮށް ލިވަޕޫލް އާއި ސެވިއްޔާ އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ވިޔަރެއާލްގެ ދަނޑުގައި 1-0ގެ ނަތީޖާ އަކުން ލިވަޕޫލް ބަލިވެފައި ވަނިކޮށް ލިވަޕޫލް އިން ފައިނަލަށް ދަތުރުކުރީ ދެވަނަ ލެގްގެ މެޗުގައި އަމިއްލަ ދަނޑުގައި 3-0ގެ ނަތީޖާ އަކުން ސްޕެއިންގެ ވިޔަރެއާލް ބަލިކޮށް 3-1ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގެ ހަތް ވަނަ މިނެޓްގައި ވިޔަރެއާލްގެ ކެޕްޓަން ބްރޫނޯ ސޮރިއާނޯ އަތުން ބައިކޮޅަށް ވަން ގޯލަކާ އެކު ލިވަޕޫލަށް ވަނީ ލީޑް ލިބިގެން ގޮސްފައެވެ.

ޔުއެފާ ޔޫރޮޕާ ލީގްގެ ސެމީ ފައިނަލްގައި ލިވަޕޫލް އާއި ވިޔަރެއާލް ކުޅުނު މެޗު ނިމުމަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ކުޅުންތެރިންނާއި އެކު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

އެ ގޯލަށް ފަހު ވެސް ލިވަޕޫލަށް ފުރަތަމަ ހާފްގައި ލީޑް އިތުރަށް ފުޅާ ކުރަން ފުރަސަތު ލިބުނު ނަމަވެސް ފުރަތަމަ ހާފް ނިމުނީ އެއް ގޯލުގެ ލީޑަކާ އެކުއެވެ.

ދެވަނަ ހާފް ފެށިގެން ވެސް ލިވަޕޫލް އިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު އެ ޓީމުގެ ލީޑް އިތުރަށް ފުޅާ ކޮށްދިން ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ރޮބާޓޯ ފިއަމިނިއޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ގޯލު ކާމިޔާބް ކުރީ ޑެނިއަލް ސްޓަރިޖް އެވެ.

ދެ ގޯލުގެ ތަފާތުން ވިޔަރެއާލް ބަލިވެފައިވަނިކޮށް އެ ޓީމަށް އިތުރު މައްސަލަތަކާ ކުރިމަތިވީ މެޗުގެ 71 ވަނަ މިނެޓްގައި އެ ޓީމުގެ ވިކްޓާ ރުއިޒް އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި ހިސާބުންނެވެ.

ރަތް ކާޑަށް ފަހު ވިޔަރެއާލްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ލިވަޕޫލްގެ އެޑަމް ލަލާނާ ވަނީ ވިޔަރެއާލްގެ ޑިފެންސް ލައިން ފޫއަޅުވާލައި ލިވަޕޫލްގެ ތިން ވަނަ ގޯލު ކާމިޔާބް ކޮށްދީފައެވެ.

ޔުއެފާ ޔޫރޮޕާ ލީގްގެ ސެމީ ފައިނަލްގައި ސެވިއްޔާ އާއި ޝަކްތަރު ކުޅުނު މެޗުގައި ސެވިއްޔާގެ ދެވަނަ ގޯލު ގަމާރިއޯ ކާމިޔާބް ކުރަނީ --- ފޮޓޯ: އޭޕީ

އެ މުބާރާތުގެ ފައިނަލަށް ސެވިއްޔާ ދަތުރުކުރީ އެ ޓީމުގެ ދަނޑުގައި ރޭ ކުޅުނު މެޗު 3-1ގެ ނަތީޖާ އަކުން ޔޫކްރެއިންގެ ޝަކްތަރު ޑޮނެސްކްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ ދެ ޓީމް ޝަކްތަރުގެ ދަނޑުގައި ކުޅުނު މެޗު 2-2ގެ ނަތީޖާ އަކުން އެއްވަރު ވެފައިވާއިރު އެންމެ ފަހުގެ ދެ އަހަރު އެ މުބާރާތް ކާމިޔާބް ކޮށްފައިވާ ސެވިއްޔާ އަށް ފައިނަލްގެ ޖާގަ ލިބެނީ 5-3ގެ އެގްރިގޭޓަކުންނެވެ.

ރޭގެ މެޗުގައި ސެވިއްޔާގެ ކެވިން ގަމާރިއޯ އެ ޓީމަށް ދެ ގޯލު ކާމިޔާބް ކޮށްދިން އިރު ތިން ވަނަ ގޯލު އެ ޓީމަށް ކާމިޔާބް ކޮށްދިނީ މަރިއާނޯ އެވެ. ޝަކްތަރުގެ ހަމަ އެކަނި ގޯލު އެޓީމަށް ކާމިޔާބް ކޮށްދިނީ އެޑުއެޑޯއެވެ.

ޔޫރޮޕާ ލީގުގެ ފައިނަލްގައި ލިވަޕޫލް އާއި ސެވިއްޔާ ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ސުވިޒަލެންޑްގެ ޖެކޮބް ޕާކް ސްޓޭޑިއަމްގައެވެ.