ބަންގްލަދޭޝްގެ ވެރިކަން ކުރާ ދާކާއާ، އެގައުމުގެ ދެކުނުގެ ސަރަހައްދުތައް ގުޅުވައިދޭ ރެއިލްވޭއެއްގެ މަޝްރޫއަށް، ޗައިނާއިން 3.2 ބިލިޔަން ރުފިޔާގެ އިންވެސްޓްމެންޓެއް ކުރުމަށް ނިންމައިފި އެވެ.

މިދިޔަ ހަފްތާގައި ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝައިޚް ހަސީނާ ބައިވެރިވެވަޑައިގެންނެވި، އެގައުމުގެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމާފައި ވަނީ، "ޕަޑްމާ ބްރިޖް ރެއިލް ލިންކު"ގެ މަޝްރޫޢު، ޗައިނާގެ ޗައިނާ ރެއިލެވޭ ގްރޫޕް ކިޔާ ކުންފުންޏަށް ދިނުމަށެވެ. ޗައިނާ ރެއިލްވޭ ގްރޫޕުގެ މެޖޯރިޓީ ޝެއާ އޮންނަނީ، "ޗައިނާ ރެއިލްވޭ އެންޖިނިއަރިންގ ކޯޕަރޭޝަން" ކިޔާ، އެގައުމުގެ ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެއްގެ އަތުގަ އެވެ.

ޕަޑްމާ ބްރިޖު ރެއިލްވޭ މަޝްރޫއުގެ ދަށުން 215 ކިލޯމީޓަރުގެ ރެއިލްވޭ ލައިނެއް ގާއިމުކުރެވޭނެ އެވެ. މި މަސައްކަތް 2022 ވަނަ އަހަރަށް ނިންމާލުމަށް ބަންގްލަދޭޝްގެ ސަރުކާރުން ނިންމާފައި ވެ އެވެ.

ޖުމްލަ 4.47 ބިލިޔަން އެމެރިކާ ޑޮލަރުގެ ޚަރަދެއް ދާނެ ކަމަށް ބެލެވޭ މި މަޝްރޫޢު ހިންގުމަށް ޗައިނާ ސަރުކާރުން 3.2 ބިލިޔަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ބާކީ ޚަރަދުތައް ހަމަޖައްސަން ނިންމާފައި ވަނީ ބަންގްލަދޭޝްގެ ދައުލަތުގެ ބަޖެޓުންނެވެ.

ޗައިނާއިން ދަނީ ދެކުނު އޭޝިއާ ސަރަހައްދުގައި އެގައުމުގެ ހަރަކާތްތައް ގިނަ ކުރުމުގެ ގޮތުން އެކި ގައުމުތަކުގެ އިންފްރާސްޓްރަކްޗަރަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ މާލެއާއި ހުޅުލެއާ ގުޅުވައިލުމަށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރުމާއި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް، ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން ލ. އަތޮޅު ލިންކު ރޯޑު އެޅުމުގެ މަސައްކަތް ހިމެނެ އެވެ.

އޭގެ އިތުރުން، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި "ކޮލޮމްބޯ ޕޯޓް ސިޓީ"ގެ ނަމުގައި ބިޔަ ބަނދަރެއް އެޅުމުގެ، 1.3 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަމުން ދާ އިރު، ލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޯޓާގެ ބައިނަލްއަގުވާމީ ބަނދަރު ހެދުމުގައި ވެސް ޗައިނާގެ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފަ އެވެ.