09 May 2011, 22:08
ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ޗައިނާ ސަރުކާރުން ދިން ދައުވަތަކަށް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސައިން ޒަކީ ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރޭ ފައްޓަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ސްޕެޝަލް އެންވޯއިގެ އެ ދަތުރުފުޅުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ވައިސް މިނިސްޓަރ، އައި ޕިންގ އާއި ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުގެ ޑެޕިއުޓީ ގަވަރނަރ ސޫ ހޮންގ އާއި، ޗައިނާގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޗައިނާގެ ތިއަންޖިން ސިޓީއަށާއި، ސީޗުއާން ޕްރޮވިންސްގެ ޗަންގދޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އެ އޮފީހުން ބުނެ އެވެ.
ޒަކީގެ އަރިހުގައި، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރ ރީކޯ މޫސާ މަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަހުމަދު މުޖުތަބާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އީމާން ހުސައިނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މޭޖަރ މުހަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.