މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން، ލ. އަތޮޅުގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތުގައި ބޭނުންކުރާ އެންވަޔަރަންމެންޓަލް ސެންސިޓިވިޓީ އިންޑެކްސް (އީއެސްއައި) ސާވޭ ހަދައި ނިންމައިފި އެވެ.

މި ސާވޭ ހެދުމުގެ މަސައްކަތް ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. މި ސާވޭ ހެދުމަށް ޖުމްލަ 15 މަސް ދުވަސް ހޭދަކޮށްފައި ވެ އެވެ.

އެމެރިކާ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެމްއެންޑީއެފްއާއި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާ ގުޅިގެން، އެމެރިކާ އަސްކަރިއްޔާގެ އިންޖިނިއަރުން ހެދި މި އީއެސްއައި ޗާޓުގައި، ތިމާވެއްޓާ ގުޅޭ އެކި ކަހަލަ މައުލޫމާތު ހޯދައި، އެ ހިމަނާފައި ވާނެ ކަމަށެވެ. އޭގެ ތެރޭގައި، އެ ސަރަހައްދުގައި ކަނޑަށް ތެޔޮ އެޅިއްޖެ ނަމަ ތިމާވެއްޓަށް ގެއްލުން ލިބޭނެ ގޮތްތައް ވެސް ހިމެނިފައި ވާނެ އެވެ. އެގޮތުން، އެފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ އަސަރު ކުރާނެ ދޫނިތަކާއި ކަނޑުގެ ދިރުންތަކާއި، ޗަސް ބިން ފަދަ ތަކެތި އީއެސްއައި ޗާޓުގައި ފާހަގަ ކޮށްފައި ވާނެ އެވެ.

އެމެރިކާ އަސްކަރިއްޔާއިން ބުނީ، އީއެސްއައި މެޕު ހެދުމަށް އެފަރާތުން އެމްއެންޑީއެފްއާ ގުޅިގެން ލ. އަތޮޅުގައި ފީލްޑް ވޯކްއާއި، ޑޭޓާބޭހަކާއި އެޓްލަހެއް އުފެއްދުން ފަދަ މަސައްކަތް ކުރި ކަމަށާއި، އޭގެ ނަތީޖާގައި، މިހާރު އެ އަތޮޅުގެ އެކިއެކި މައުލޫމާތު ލިބޭނެ އިލެކްޓްރޯނިކް، އިންޓެރެކްޓިވް އެޓްލަސްއެއް އުފައްދާފައި ވާނެ ކަމަށެވެ.

"އެމްއެންޑީއެފްއާއި އީޕީއޭގައި މިހާރު ހުންނާނެ ހުރިހާ ވަސީލަތެއް، އީއެސްއައި މެޕުތައް އެހެން އަތޮޅުތަކުގައި އުފައްދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް،" އެމެރިކާ އަސްކަރިއްޔާއިން ބުނެ އެވެ.

ލ. އަތޮޅު އީއެސްއައި މެޕުގައި، އެ އަތޮޅުގެ 44 އަށް ވުރެ ގިނަ ތަފްސީލީ މައުލޫމާތު ހިމެނިފައި ވާނެ އެވެ. އެގޮތުން އެ އަތޮޅުގެ ރަށްތަކުގައި ހުރި ގުދުރަތީ 1،200 އަށް ވުރެ ގިނަ ސިފަތަކާއި، އިންސާނުންގެ ބޭނުމަށް ހަދާފައިވާ 800 އަށް ވުރެ ގިނަ ތަންތަނާ ތަކެތީގެ މައުލޫމާތު ވެސް އޭގައި ހިމެނިފައި ވާނެ އެވެ.

މި މަސައްކަތް ނިމުން ފާހަގަ ކުރައްވައި، އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު ވިދާޅުވީ، މި މަޝްރުއުގެ ދަށުން އެމްއެންޑީއެފްއަށް އެތައް މައުލޫމާތަކާއި ވަސީލަތެއް ލިބިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އެ އަތޮޅުގައި ކުރިޔަށް އޮތް ތަނުގައި ހިނގާ ގުދުރަތީ ކާރިސާއެއް ނުވަތަ ކަނޑަށް ތެޔޮ އެޅުމުގެ ހާދިސާއަކަށް އިޖާބަ ދިނުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

އެމެރިކާ އަސްކަރިއްޔާގެ ޕެސިފިކް ކޮމާންޑުގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް މެނޭޖަރު ކްރިސްޓޮފާ ޝޯލްސް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖެއާ އެމެރިކާއާ ދެމެދު އޮތް މަދަނީ އަދި އަސްކަރީ ގުޅުމުގެ ރަނގަޅު މިސާލެއް ކަމަށެވެ. އަދި މިއީ އެމެރިކާ އަސްކަރިއްޔާ، އެމްއެންޑީއެފް އަދި އީޕީއޭއިން ތިމާވެށީގެ ރައްކާތެރިކަމަށް ދޭ އަހައްމިއްޔަތުގެ ބޮޑުކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.