06 May 2016, 10:59
އިރުމަތީ ސީރިއާގައި ތެޔޮ އުފައްދާ މައި ސަރަހައްދު ކަމަށްވާއައްޝައީރު ގޭސް ފީލްޑް، އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރީން އަނެއްކާވެސް އަތުލައިގެންފައިވާ ކަމަށް ޚަބަރުތައް ބުނެފިއެވެ.
އަލް އަރަބިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުން، އައްޝައީރު ގޭސްފީލްޑް އައިއެސްގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މިއީ ސީރިއާގެ ގަދީމީ ސަހަރެއް ކަމަށްވާ ޕަލްމީރާ، މިދިޔަ މާރިޗް މަހު އައިއެސް ހަނގުރާމަވެރީންގެ އަތްދަށުން މިނިވަން ކުރިފަހުން އެ ސަރަހައްދަށް އައިއެސްގެ ހަނގުރާމަވެރީން ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އައިއެސްއާ ގުޅުން އޮންނަ، އެ ޖަމާއަތުގެ ޚަބަރުތައް ފަތުރާ ނޫހެއް ކަމަށްވާއަލް އަމަގުނޫހުން ބުނެފައިވަނީ، ޝައީރު ގޭސްފީލްޑް ސަރަހައްދުގައި ސީރިއާގެ ސިފައިންނާ ދެކޮޅަށް އައިއެސްގެ ހަނގުރާމަވެރީން ދިން ހަމަލާތަކުގައި ސިފައިންގެ 30 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށާއި، އޭގެ އިތުރުން ގިނަ އަދަދެއްގެ ޓޭނކަރާއި މިސައިލާއި އެނޫންވެސް އެފަދަ ހަތިޔާރުތައް އަތުލައިގެންފައިވާ ކަމަށެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން މައުލޫމާތުދޭ ގޮތުގައި ޕަލްމީރާގެ ހުޅަނގުއުތުރުން 150 ކިލޯމީޓަރު ހިސާބުގައި އޮންނަ ތެލުގެ މައިދާން ހަނގުރާމަވެރީންގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ ސީރިއާގެ ސިފައިން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދަނިކޮށް، ސިފައިންނާ ދެކޮޅަށް އެއްގަމު މަގުން ތިން ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ހަމަލާތައް ބަދަލުކުރުމަށް ފަހުއެވެ.
މީގެ ކުރީންވެސް އެތަކެއް ފަހަރެއްގެ މަތީން އައް ޝައީރު ގޭސްފީލްޑް ވަނީ ހަނގުރާމަވެރީންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރު ފަހުކޮޅުން ފެށިގެން ސީރިއާ ސިފައިން ވަނީ އެސަރަހައްދު އަލުން ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފައެވެ.