ޒަޚަމްތަކަކާ އެކު މާލޭގެ މަގެއްގެ މަތިން ފެނުނު ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.

ޒަޚަމްތަކަކާ އެކު މިއަދު ހެނދުނު 9:30 ގައި އައިޖީއެމްއެޗު ސަރަހައްދުގެ ބިންމަތީގައި އޮއްވައި ފެނިފައި ވަނީ ޏ. ފުވައްމުލަކު ދޫޑިގަން އަވަށަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޒުވާނެއް ކަމުގައިވާ ނާޝިދު މޫސާ އެވެ.

ނާޝިދު ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހޭނެތިފައި ކަމަށާއި އޭނާގެ ބޮލާއި ކަނދުރާގައި ސީރިއަސް ޒަޚަމްތަކެއް ހުރި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އޭނާ މަރުވެފައި ވަނީ ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށެވެ.

ޑޮކްޓަރާ ހަވާލާދީ ނާޝީދުގެ އާއިލާ އިން ބުނެފައި ވަނީ އޭނާގެ އެތެރެހައްޓަށް ގިނަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި މަރާލުމުގެ ނިޔަތުގައި ނާޝިދަށް ހަމަލާދިނުމަށްފަހު އޭނާ އެއްލާލީ ކަމަށް އާއިލާ އިން ތުހުމަތު ކުރެއެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.