05 May 2016, 23:42
މޯލްޑިވިއަން އައިޑަލްގެ ގަދަ ދިހައަކަށް ދިޔަ ބައިވެރިންނަށް އެއްވެސް ޕްލެޓުފޯމެއްގައި ޕާފޯމް ކުރެވޭނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ހުއްދަ ލިބިގެން ކަމަށް ޕީއެސްއެމުން ބުނެފި އެވެ.
ޕީއެސްއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓޮޕް ޓެންގައި ހިމެނުނު ކޮންމެ ބައިވެރިޔަކާ އެކު ޓެލެންޓު މެނޭޖް ކުރުމުގެ އެއްބަސްވުމެއްގައި ޕީއެސްއެމް އިން ވަނީ ސޮއިކޮށްފައި ކަމަށެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން މޯލްޑިވިއަން އައިޑަލްގެ ބައިވެރިންގެ ލަވަޔާއި މިޔުޒިކާއި ޕާފޯމްކުރުމާ ގުޅުންހުރި އެއްވެސް ޓެލެންޓެއް ކުރުމުގެ ފުރުސަތު އެއްވެސް ޕްލެޓުފޯމެއްގައި ޕީއެސްއެމް މެދުވެރިކޮށްގެން ނޫންގޮތަކަށް ނޯންނާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
ޕީއެސްއެމް މެދުވެރިކޮށް އެފަދަ ކަމެއް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.