އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މި މެޗަށް ނުކުތްއިރު، ލީގުގައި ދެ ޓީމުން ވެސް ވަނީ މެޗެއް ކުޅެފަ އެވެ. ލީގުގައި އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު އަތުން 2-1 ލަނޑުން މޮޅުވިއިރު، ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން 3-0 ލަނޑުން ވަނީ މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 25 ވަނަ މިނެޓުގައި އީގަލްސްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު ރިޒްވާން އުފެއްދި ހަމަލާ، ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 34 ވަނަ މިނެޓުގައި އީގަލްސްއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ރިޒްވާން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 41 ވަނަ މިނެޓުގައި ވެލެންސިއާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު ރިލްވާން ވަރަށް ރީތިކޮށް، ގޯލް ކުރިމަތީގައި ހުރި އަކްރަމް އަބްދުލްޤަނީ (އަކޫ)އަށް ޖައްސާލި ބޯޅަ އަކޫއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. އަކޫ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ސުޖަން ޕެރޭރާގެ އަތަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އާއި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ:މުހަންމަދު އަފްރާހް

މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ވެލެންސިއާއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އަކޫ ވަރަށް ރީތިކޮށް، އޭރިޔާގެ ތެރޭގައި ހުރި އެންޖެލް ކަރަސްކޯސާ މުނޯޒްއަށް ޖައްސާލި ބޯޅަ، އެންޖެން ކޯންޓްރޯލް ކޮށްލާފައި ފޮނުވާލި އެވެ. އެހެން ނަމަވެސް އެ ހަމަލާ، ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ދެވަނަ ހާފުގެ ފުރަތަމަ ހަމަލާ އުފެއްދީ ވެލެންސިއާއިންނެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެންޖެލް ފޮނުވާލި ހަމަލާ، ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ވެލެންސިއާއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން އެންޖެލް އުފެއްދި ހަމަލާ، ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އީގަލްސް އާއި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ:މުހަންމަދު އަފްރާހް

ލީގުގައި ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާ އިރު، ތާވަލުގެ އެއް ވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އެ ޓީމަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދ ެވަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓަރީއާއި، ޓީސީ އާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، އެއިން ކޮންމެ ޓީމަކަށް ވެސް ތިން ޕޮއިންޓް ލިބިފައިވެ އެވެ. ތާވަލުގެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.