05 May 2016, 23:24
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ އެ އެކްސިޑެންޓު ހިނގީ މިއަދު މެންދުރުފަހު 3:18 އެހާކަށްހާއިރު ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި 28 އަހަރުގެ ބަންގުލަދޭޝްގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުުހުން ބުންޏެވެ.
އެ އެކްސިޑެންޓްގައި ބިދޭސީ މީހާގެ ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވާއިރު އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގެ ތެރެއިން: އެ އެކްސިޑެންޓުގައި ވަނީ ބިދޭސީއަކަށް އަނިޔާވެފައި -- ފޮޓޯ/ ޕޮލިސް
އެ އެކްސިޑެންޓް ހިނގާފައިވަނީ ނިރޮޅުމަގުން ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިލެއް ކޮންޓްރޯލް ނުވެގޮސް އެމަގުން ހިނގާފައި ދިޔަ ބިދޭސީ އެއްގައިގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އެކްސިޑެންޓްގައި ސައިކަލް ކޮންޓްރޯލް ނެއްޓިގެން ގޮސް ބިދޭސީ މީހާގެ ގައިގައި ޖެހުމުގެ އިތުރުން އެމަގުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ޖެހި އެސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓް ހިނގި ވަގުތު ދުއްވާފައި އައި ސައިކަލް ދުއްވަން އިން މީހާއަކީ ލައިސެންސް އޮންނަ މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެވަގުތު އެ ސައިކަލުގެ ފަހަތުގައި އިން މީހާއަށް ވެސް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.