05 May 2016, 22:45
ރާއްޖޭގެ ޝަރުއީ ދާއިރާއަކީ ވަސީލަތްތަކުގެ ގޮތުން ފަގީރު ދާއިރާއެއް ކަމަށާއި ނަމަވެސް ރާއްޖެ އިން ވާދަކުރަން ޖެހޭ ކަމަށް ބައިނަލްއަގްވާމީ މަޝްރަހުން ގަބޫލުކުރަނީ އެތައްހާސް ފަނޑިޔާރުންނަކާއި ވަކީލުންނެއް ދިރިއުޅޭ ގައުމުތަކާ ކަމަށް ރައީސް އޮފީހުގެ ލީގަލްއެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ދެ ދުވަހުގެ ސެމިނާ ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ރާއްޖޭގައި ގާނޫނީ ނިޒާމެއް ފެށުނުތާ ވެސް އަދިވީ 84 އަހަރު ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޝަރުއީ ދާއިރާ އިން ހާހެއްހާ އަހަރު ގާނޫނީ ނިޒާމަކުން މަސައްކަތް ކޮށްފައި ހުރި ގައުމުތަކުގެ ޝަރުއީ ދާއިރާތަކާއި ވާދަކުރުވުމަށް މަޖުބޫރުކުރުވަމުންދާކަން އާޒިމާ ފާހަގަކުރެއްވި އެވެ.

މެއި 5، 2016: ހިއުމަން ޓްރެފިކިން އާ ދެކޮޅަށް ޝަރުއީ ދާއިރާއިން ބޭއްވި ސެމިނާގެ ނިންމުމުގެ ތެެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރާއްޖޭގެ ޝަރުއީ ދާއިރާގެ ކުޑަކަމާއި ފަގީރުކަން ސިފަކުރައްވަމުން އާޒިމާ ވިދާޅުވީ ފުރަތަމަ ތަމްރީނު ކުރި ލޯޔަރުން ވެސް އަދި ވެސް މަސައްކަތް ކުރާ ކަމަށާއި ފުރަތަމަ ފަނޑިޔާރުންނަށް ވީބޭފުޅުން އަދި ވެސް ބޭންޗުތަކުގައި އެބަތިއްބެވި ކަމަށެވެ. ނަމަވެސް ކުރާ މަސައްކަތަކަށް ނުވަތަ މަސައްކަތުގެ ޝައުގަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"އަދިވެސް ބުނެލަން ބޭނުން ރާއްޖޭގެ ޝަރުއީ ދާއިރާއަކީ ކުރިއަރަން އެންމެ މަސައްކަތްކުރާ ދާއިރާ އަށް ވެގެންދާނެ. އަދި އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުމަށް އަންނަ ފަރާތްތަކަށް ފުރުސަތުތައް ވަނީ ހުޅުވާލެވިފައި،" އާޒިމާ ވިދާޅުވި އެވެ.
ދުނިޔޭގެ އެއްވެސްތާކު ފުރިހަމަ އަދުލު އިންސާފުގެ ނިޒާމެއް ނުވަތަ ފުރިހަމަ ޑިމޮކްރެސީއެއް ވެސް ނޯންނާނެ ކަމަށާއި އެކަން ފުރިހަމައަށް ގަބޫލުކުރާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ރާއްޖެއަކީ އަބަދުވެސް ކުރިއަރަން މަސައްކަތް ކުރާ ގައެމެއްކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ ރާއްޖެ އަބަދު ވެސް މިސްރާބު ޖަހާނީ ކުރިއަށް ކަމަށެވެ.

މެއި 5، 2016: ހިއުމަން ޓްރެފިކިން އާ ދެކޮޅަށް ޝަރުއީ ދާއިރާއިން ބޭއްވި ސެމިނާގެ ނިންމުމުގެ ތެެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"ޖުޑިޝަރީއާ އެއްކޮށް މި ދެ ދުވަހު އިންސާނީ ވަގުފާރިއާ ދެކޮޅަށް ތިޔަ ކުރި މަސައްކަތުން ވެސް ތިޔަ ބޭފުޅުންނަށް އެނގިގެންދާނެ ޖުޑިޝަރީގެ ހުރީ ކުރިއަށް ދިއުމުގެ ވިސްނުންކަން." އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކަން ތިބި ބަޔަކު ވެސް އެބައުޅޭ ކަމަށާއި އެހެންކަމުން ދައުލަތުގެ އިސްތިގުލާލު ނުގެއްލޭ ގޮތަކަށް މަސައްކަތް ކުރުމަކީ އެއްވެސް މީހަކަށް އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. އާޒިމާ ވިދާޅުވީ ދިވެހި ރާއްޖޭގެ ޖުޑިޝަރީއާ އެކީގައި ބޭރުގެ ފަރާތްތަކުން މަސައްކަތްކުރައްވަން ފެއްޓެވުމަކީ ޖުޑިޝަރީއާ ދިމާލަށް އަމާޒުވެފައި ހުރި ވާހަކަތަކަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ބޭރުގެ ފަރާތްތަކާ ގުޅިގެން އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓަކައި ސެމިނާއެއް ބޭއްވި ކަމަށް ޓަކައި އާޒިމާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރަން ފެށުނީ ވަރަށް ފަހުންކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ މިހާތަނަށް އިންސާނީ ވަގުފާރީގެ މައްސަލައެއް ބަލައި ދައުވާ ކުރެވިފައި ވަނީ އެންމެ މައްސަލައެއް ކަމަށެވެ.

މެއި 5، 2016: ހިއުމަން ޓްރެފިކިން އާ ދެކޮޅަށް ޝަރުއީ ދާއިރާއިން ބޭއްވި ސެމިނާގެ ނިންމުމުގެ ތެެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"މިކަހަލަ ކަންތައްތަކަކީ ހާއްސަގޮތެއްގައި ބައިނަލްއަގްވާމީ މަޝްރަހުގައި ފާހަގަކުރެވިގެންދާ އިރު އަޅުގަނޑުމެންގެ ސަކްސަސް ސްޓޯރީސް ގޮތަށް ބައްލަވާނެ އަޅުގަނޑުމެންނަށް މިކަންތައްތައް ތަހުގީގު ކުރެވޭ މިންވަރާއި އަޅުގަނޑުމެންނަށް މިކަމުގައި ފިޔަވަޅު އެޅޭ މިންވަރު.،" އާޒިމާ ވިދާޅުވި އެވެ.
އިންސާނީ ވަގުފާރީގެ ދާއިރާ އިން ދައުލަތުގެ ފަރާތުންނާއި ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކުރަންޖެހުނު ކޮންމެކަމެއް ވެސް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އާޒިމާ ވަނީ ދެއްވައިފަ އެވެ. އަދި ޖުޑިޝަރީގެ ތަރައްގީ އަށާއި ކުރިއެރުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދައުލަތުން ކޮށްދޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ހިއުމަން ޓްރެފިކިން އާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖޭގެ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުން މިއަދު ވަނީ ވައުދެއްގައި ސޮއިކުރައްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.