09 May 2011, 20:27
އުމުރުން 73 އަހަރުގެ އިބްރާހިމް މޫސާ، އޭނާގެ އުފަން ރަށް، ފ. ނިލަންދޫން ދަތުރަށް އެރީ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ، ޑޮކްޓަރަށް ދައްކާލައި ފަރުވާ ހޯދުމަށެވެ. އެހެންނަމަވެސް އޭނާގެ ފިރިހެން ދަރިފުޅާއެކު ފެށި ދަތުރު ނިންމާލަން ޖެހުނީ ބަދުނަސީބު ދަތުރަކުންނެވެ. އާއިލާއަށް ހިތާމަވެރި ހަބަރެއް ފޮނުވަމުންނެވެ. ނިލަންދޫ ޗަނބޭލީގޭ އިބްރާހިމް މޫސާ ރަށުން ފުރައިގެން އިއްޔެ މާލެއަށް ކުރި ދަތުރުމަތީގައި ދޯނީގެ ތެރެއަށް ވެއްޓި، އަތް ބިނދުމުން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ވަނީ މަރުވެފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބް ވަނީ އެކަން މިރޭ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ސަން އަށް މައުލޫމާތު ދިން ނިލަންދޫ މީހަކު ބުނީ، އުމުރުން ދުވަސްވީ އެމީހާއަށް އަނިޔާވީ ނިލަންދޫއިން ފުރައިގެން އިއްޔެ މާލެ އައި "ސީނިޔާ" ނަމަކަށް ކިޔާ ދޯނީގެ ގެގަނޑުގެ މަތީ އޮށޯވެ އޮތުމަށްފަހު، ފާހަނާއަށް ދިއުމަށް އަމިއްލަ އަށް ސިޑިން ތިރިއަށް ފައިބަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓި ކަމަށެވެ. އޭނާ ވެއްޓުމުގެ ސަބަބުން އަތްބިންދައިގެން ގޮސް، ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ވެސް އެމީހާ ބުންޏެވެ.
އެ ހާދިސާ ހިނގީ މާލެއަށް ދޯނި ލަަފަން ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށާއި ބަނދަރުކުރުމަށް ފަހު އެމީހާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ ގާތްގަނޑަކަށް 3:30 އެހާކަންހާއިރު ކަމަށް ވެސް އޭނާ ބުންޏެވެ. އޭރުވެސް އިބްރާހިމް މޫސާގެ ހާލު ވަރަށް ދެރަ ކަމަށްވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތުވެސް ވިދާޅުވީ، ހޮސްޕިޓަލަށް ގެނައިއިރު އެމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެގޮތުން އޭނާގެ އަތް ބިންދައިގެން ގޮސް، މޭކަށިގަނޑުގެ ބައެއް ކަށިތަކުގައި ރެނދުލައިފައިވާ ޑޮކްޓަރާ ހަވާލާދީ ޒީނަތު ވިދާޅުވި އެވެ. އަދި އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް އެމީހާ މަރުވީ މިއަދު މެންދުރު 11:20 ގައި ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.