އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޚިލާފުވެ ލައިސަންސް ނެތި ސައިކަލް ދުއްވާފައި ވާތީ 18 އަހަރުން ދަށުގެ 30 ކުއްޖަކަށް މިދިޔަ މަހު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ އެކި ދުވަސް މަތިން އެކި ސަރަހައްދުތަކުން ފުލުހުން ހުއްޓުވައި ބަލައި ފާސްކޮށް 30 ކުއްޖަކު ލައިސަންސް ނެތި ދުއްވާފައިވާތީ އެކުދިންނާމެދު ގާނޫނުގައި ބުނެފައިވާ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ބައެއް ކުދިންނަކީ މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވަނިކޮށް ހިފެހެއްޓި ކުދިން ކަމަށެވެ.

އެ 30 ކުދިން ދުއްވި ސައިކަލް ފުލުހުން ވަނީ ޓޯ ކޮށްފައެވެ. އަދި އެއިން ކޮންމެ ސައިކަލެއްވެސް ޓޯ ކުރުމަށްފަހު ސައިކަލްތަކުގެ ވެރިފަރާތަށް އެމައުލޫމާތު ދީ އެފަރާތްތަކުގެ އެދުމުގެމަތިން ފުލުހުން އެ ސައިކަލުތައް ދޫކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަތަކާ ގުޅޭ ސައިކަލުތައް ވެރިފަރާތަށް ޓްރެފިކް މެނޭޖްމަންޓުގެ ބެލުމުގެ ދަށުން ދޫކޮށްފައިވަނީ އުމުރުން 18އަހަރު ނުފުރޭ އަދި ލައިސަންސް ނެތް ކުދިންނަށް ސައިކަލް ދުއްވަން ދޫނުކުރުމަށާއި އެކަމުގެ ސަބަބުން އެކުދިންނަށާއި މުޖުތަމައުއަށް ހުރި ގެއްލުން ބުނެދީ ނަސޭހަތް ދިނުމަށްފަހުގައި ކަމަށެވެ.

އުމުރުން 18 އަހަރު ފުރިހަމަ ނުވާ ކުއްޖަކާމެދު ޓްރެފިކް ވައިލޭޝަން ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައިވާނަމަ 18 އަހަރު ފުރިހަމަ ވުމުން އެމީހަކަށް ލައިސަންސް ދޫކުރާނީ ކުރިން ކޮށްފައިވާ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.