އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިން އާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖޭގެ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުން ވައުދެއްގައި ސޮއިކޮށްފި އެވެ.

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ކުރިވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޑިޕާޓްމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ދެދުވަހުގެ ސެމިނާ ނިންމުމުގެ ރައްސްމިއްޔާތުގައި، ވައުދުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހާޒިރުގަ އެވެ.

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ކުރިވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ދެދުވަހުގެ ސެމިނާ ނިންމާލުމަށް ބޭއްވި ރައްސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ -- ޔޫސުފް ސޮފްއާން

މެޖިސްޓްރޭޓުންނާއި ފަނޑިޔާރުން މިއަދު ވައުދުވެފައިވަނީ އިމާރާތްކުރުމާ ގުޅޭގޮތުން ޝަރުއީ ދާއިރާއިންކުރާ އިއުލާނުތަކުގައި "ޝަރުއީ ދާއިރާ އިންސާނީ ވަގުފާރިއާ ދެކޮޅަށް" ލޯގޯ ބޭނުންކުރުމަށާއި އިތުރު ދެކަމަކަށެވެ.

ހިއުމަން ޓްރެފިކިންގްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ވައުދުގައި ސޮއިކުރައްވަނީ -- ސަންފޮޓޯ ޔޫސުފް ސޮފްއާން

ޝަރުއީ ދާއިރާއިން ވައުދުވި ކަންކަން

  • އިމާރާތްކުރުމާއި މަރާމާތުކުރުމާ ގުޅޭގޮތުން ޝަރުއީ ދާއިރާއިން ކުރާ އިއުލާނުތަކުގައި " ޝަރުއީ ދާއިރާ އިންސާނީ ވަގުފާރިއާ ދެކޮޅަށް" ލޯގޯ ބޭނުންކުރުން
  • ޝަރުއީ ދާއިރާއިން ހަވާލުކުރާ ނުވަލައްކަ ރުފިޔާއަށްވުރެ މަތީގެ އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަސައްކަތްތައް ހަވާލުވާ ފަރާތްތަކުން، އިންސާނީ ވަގުފާރިއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ހިންގާ އެއްގަޑިއިރުގެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި އެފަރާތްތަކުގެ އިސްވެރިން ބައިވެރިކުރުމަށް އެއްބަސްވުން
  • ޝަރުއީ ދާއިރާއިން ހަވާލުކުރާ ކޮންޓެރެކްޓް މަސައްކަތްތަކުގައި މަސައްކަތް ހަވާލުވާ ފަރާތުން ބޭނުންކުރާ މަސައްކަތްތެރީންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކެއް ނޫންކަމުގައި މަސައްކަތް ހަވާލުވާ ފަރާތުން އިގުރާރުވުން

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ކުރިވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި ގުޅިގެން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ދެދުވަހުގެ ސެމިނާ ނިންމާލުމަށް ބޭއްވި ރައްސްމިއްޔާތުގެ ތެރެއިން: ސަންފޮޓޯ -- ޔޫސުފް ސޮފްއާން

ދެދުވަހުގެ މުއްދަތަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ސެމިނާގެ ބައިވެރިންގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ކްރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ސެމިނާއަކީ ވަރށް ބޭނުންތެރި ސެމިނާއެއް ކަމަށާއި އެއީ ފެށުމެއް ކަމަށް ބަލައި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ސެމިނާތައް އިންތިޒާމުކޮށް ހިންގުމަށް އެދޭ ކަމަށެވެ.

ހިއުމަން ޓްރެފިކިންގްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވައުދުގައި ސޮއިކުރައްވަނީ -- ސަންފޮޓޯ ޔޫސުފް ސޮފްއާން

ސެމިނާގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ މެދުގައި ވަނީ މަޝްވަރާކުރައްވާފަ އެވެ. އެ ސެމިނާގައި ރާއްޖެއިން ބޭރުގެ ޝަރުއީ ދާއިރާގެ މާހިރުންވެސް ވަނީ ސެމިނާގެ ބައިވެރިންނަށް މައުލޫމާތުދެއްވާފަ އެވެ.