އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން 1-4ގެ ނަތީޖާ އަކުން މޮޅުވި ނަމަވެސް އެ މެޗުގައި ވެސް ޓީސީ ސްޕޯޓްސް ކުލަބުގެ އަސަލު ކުޅުން ނުފެންނަ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މިއަދުގެ މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ނިޒާމްބެ ބުނީ، އަސްލު ކުޅުން އަދި ނުފެނު ކަމުގައި ވިޔަސް ސީޒަން ނިންމާލާނީ ޓީސީގެ އަސްލު ފެންވަރުގައި ކަމަށެވެ.

"އަދި ކިރިޔާ ޓީސީ ކުޅެންޖެހޭ ވަރަށް ކުޅުން އެފެށީ. އަދިވެސް އަސްލު ޓީސީގެ ކުޅުމެއް ނުފެނޭ. އަދިވެސް ވަރަށް ދަށް. ސީޒަންގެ ދެ ވަނަ މެޗަށް ވުމުން އެބަހުރި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް،" މެޗަށް ފަހު ވާހަކަ ދައްކަމުން ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ، އިދިކޮޅަށް ނުކުތް ވިކްޓަރީ އަކީ ވެސް އާދައިގެ ޓީމެއް ނޫން ކަމަށާއި މެޗު ފެށިގެން އެ ޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް ފުރަތަމަ ކޮޅުގައި ޓީސީއަށް ދެ ގޯލުގެ ލީޑެއް ލިބުމުން އިދިކޮޅު ޓީމަށް ވެސް އުނދަގޫވާނެ ކަމަށެވެ.

މިއަދު ހަވީރު ގައުމީ ބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ޓީސީން ކާމިޔާބުކުރީ މިދަޔަ ސީޒަނުގައި ނިއުރޭޑިއަންޓުން ގެނައި ގައުމީ ޓީމުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ހެޓްރިކަކާއި އަލީ ނާފިއުގެ ގޯލަކުންނެވެ. ޔުނައިޓެޑް ވިކްޓަރީގެ ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ގޮޑްފްރޭ ވެސްޓް އެވެ.

"ކުރިންވެސް އަޅުގަނޑު ބުނިން މި މެޗަކީ ޓީސީގެ ޖާޒީގައި ސެންޓޭ ކުޅޭނެ ތަފާތު މެޗަކަށް ވާނެއޭ. އެ ތަފާތު ފެނިގެން އެ ދިޔައީ. މިއީ ރަނގަޅު ފެށުމެއް. ސެންޓޭގެ އެ ކުޅުން ސީޒަން ނިމެންދެން ދަމަހައްޓާނެ،" ނިޒާމްބެ ބުންޏެވެ.

ލީގުގައި ޓީސީއިން ދެން މެޗެއް ކުޅެން ޖެހޭނީ މި މަހުގެ 18 ވަނަ ދުވަހު ހަވީރު 4:00 ގައި ގައުމީ ބޯޅަ ދަނޑުގައެވެ. އެ މެޗުގައި ޓީސީ ނިކުންނާނީ އެއްވަނަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.