މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަމުގައި ކުޅިވަރާބެހޭ އިދާރާއެއް ރައީސް އަބްދުﷲ ޔާމީން އުފައްދަވައިފި އެވެ.

އެ އިދާރާ އުފައްދާފައި ވަނީ ކުޅިވަރު ގާނޫނުގެ 36ވަނަ މާއްދާގައި އެފަދައިން ބަޔާންކޮށްފައިވާތީ އެވެ. އެ އިދާރާ އުފައްދާފައި ވަނީ އިއްޔެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަކީ، ކުޅިވަރާބެހޭ ގާއުމީ މަޖިލީހުގެ ސީދާ ބެލުމުގެ ދަށުން ހިނގާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބެލުމުގެ ދަށުގައިވާ އިންސްޓިޓިއުޓެއް ކަމަށް ރައީސް ޔާމީނާ ހަވާލާދެއްވައި ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ އިދާރާ ހަމަޖައްސާފައި ވަނީ ކުޅިވަރު ގާނޫނުގައި ބުނެފައިވާ މަގުސަދުތައް ހާސިލު ކުރުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއަށް ފޮނުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 465 ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ކުޅިވަރު ގާނޫނުގައި ބުނެފައި ރާއްޖޭގެ އެކިއެކި ކުޅިވަރު ކުޅޭ ފަރާތްތަކާއި ކުޅިވަރުކުލަބް އަދި އެސޯސިއޭޝަންތައް ހިންގާ ފަރާތްތަކަށް އެފަރާތްތަކުގެ ހުނަރާއި ގާބިލުކަން އިތުރުކޮށް އެފަރާތްތަކަށް ތަމްރީނު ދިނުމަށާއި ދާއިރާއަށް ކޮންމެހެން ބޭނުންތެރި ދިރާސާތައް ކުރުމަށްޓަކައި ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ ސީދާ ބެލުމުގެ ދަށުން މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަމުގައި ކުޅިވަރާބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައިވާ ވަކި ބައެއްގެ ގޮތުގައި އާ އިދާރާއެއް އެ ގާނޫނަށް އަމަލު ކުރަން ފެށުމުގެ 60 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ގާއިމްކުރަންވާނެ ކަމަށެވެ.

އެ އިދާރާގެ މަގުސަދެއް ކަމަށް ގާނޫނުގައި ބުނެފައި ވަނީ ކުޅިވަރު ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ކުރިމަގު ބިނާކުރުމަށްޓަކައި، އެފަރާތްތަކަކީ ކުޅިވަރުގެ ރިވެތި އަހުލާގާއި ރޫހާއި އެ ގާނޫނުގެ މަގުސަދު ހާސިލުކުރެވޭ ފަދަ ޚާއްސަ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ދޭންޖެހޭ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން ކަމަށެވެ.