05 May 2016, 19:23
މައްކާއާއި ކައިރި ހިސާބެއްގައި ފިލާ ތިބި އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަސްކަރިއްޔާ އިން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.
އަޚްބަރިއްޔާ ޗެނަލުން ހަބަރުފަތުރާ ގޮތުން، ސައުދީ އަސްކަރިއްޔާ އިން މިއަދު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވަނީ ޖިއްދާގައި އޮންނަ ނޫމާން ވާދީ ސަރަހައްދުގައި ތިބި އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށެވެ.
އޮޕަރޭޝަނާ ގުޅޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް ވައިގެ މަގުންނާ ފައި މަގުގައި ކުރިއަށް ގެންގޮސްފައި ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެ ސަރަހައްދު ވަށާލައިގެން ތިބި އައިއެސް ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ދިން ބަޑީގެ ހަމަލާތަކުގައި ހޯދަން ބޭނުންވެފައިވާ ހަތަރު ހަނގުރާމަވެރިޔަކު މަރާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އޭގެ އިތުރުން މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އައިއެސް ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު މަރާލާފައި ވާއިރު އެކަކު ވަނީ ޒަހަމްވެފަ އެވެ.
ސައުދީގައި ތިބި ޝިޢައީންނާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަދުވަސް ވެފައިވާއިރު، ބޮމާއި ބަޑީގެ ގިނަ ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ އުފުލައިފަ އެވެ. (ރޮއިޓާސް)