09 May 2011, 20:17
ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި ފީއާއި އަދި މަސައްކަތުގެ އިތުރުން މުދަލާއި ހިދުމަތުގެ އަގު އަދާކުރުމުގައި ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުންކުރުމަކީ މަނާކަމެއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށް ދީފި އެވެ.
އެމްއެމްއޭން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ، އެ އޮތޯރިޓީގެ މަނިޓަރީ ގަވައިދުގެ ފަސް ވަނަ މާއްދާގައިވާ ގޮތުގައި "ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ހުރިހާ އެއްޗެއްގެ އަގާއި، މަސައްކަތުގެ އަގާއި، ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާކުރުމަށް ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުންކުރުމަކީ މަނާ" ކަމެއް ކަމަށެވެ.
ނަމަވެސް، ބައިނަލް އަގުވާމީ ގޮތުން ހިންގާ އެކިއެކި މުއާމަލާތްތަކުގައި ބޭރު ފައިސާ ބޭނުންކުރުމަށް އެ ގަވައިދުގެ ހަތް ވަނަ މާއްދާގެ ދަށުން ހުރަސް ނާޅާ ކަމަށް ވެސް މަރުކަޒީ ބޭންކުގެ އިއުލާނުގައިވެ އެވެ.
ޑޮލަރުގެ ތާށިކަން ބޮޑުވެ، އަދި ބާޒާރުގައި ޑޮލަރު ގަނެ ވިއްކާ އަގު މައްޗަށް ދިއުމާ ގުޅިގެން ބައެއް ފަރާތްތަކުން ޑޮލަރުން އަގު އަދާކުރުމަށް މަޖުބޫރުކުރަމުންދާ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ.
އެގޮތުން ކުއްޔަށް ހިފައިފައިވާ ބައެއް ތަންތަނުގެ ކުލި ޑޮލަރުން ދެއްކުމަށް ގޭގެ ވެރިފަރާތުން އަންގަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި ބައެއް ޓިކެޓް ވިއްކާ އޭޖެންސީތަކުން ޑޮލަރުން ފައިސާ ދެއްކުމަށް އަންގާ ކަމަށާއި އެހެން ނޫނަމަ ދިވެހި ރުފިޔާގެ ރޭޓުން ޓިކެޓު ވިއްކަނީ މާއަގުބޮޑުކޮށް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ޝަކުވާކޮށްފައިވެ އެވެ.