އުރީދޫ އިން ކުރިން ދެމުން އައި މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ފަހު، "އުރީދޫ ވޯކްގްރޫޕް"ގެ ނަމުގައި އެ ޚިދުމަތް ތައާރަފު ކޮށްފި އެވެ.

އުރީދޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، އޮފީސްތަކާ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ހިލޭ ގުޅޭގޮތަށް އުރީދޫ އިން ގެންގުޅުނު ޕެކޭޖުތައް އާ ނަމެއްގެ ގޮތުގައި ތައާރަފު ކުރެވިގެން ދިޔަ އިރު، މި ޕެކޭޖުން ކިތަންމެ ގިނަ ސްޓާފުންގެ މެދުގައި ވެސް ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭނެ ކަމަށެވެ.

"އެންމެ ކުޑަ، ދެ ސްޓާފުން ފެށިގެން ގޮސް، 5،000 މުވައްޒަފުން ހިމެނޭ ބޮޑެތި ކުންފުނިތަކަށް ވެސް، ކޮމިއުނިކޭޝަނުގެ ހުރިހާ ޚިދުމަތެއް މި ޕެކޭޖު މެދުވެރިކޮށް ކުރެވޭނެ. ވޮއިސް ކޯލާއި އެސްއެމްއެސްއިން ފެށިގެން ޑޭޓާ ފަދަ، ހުރިހާ ޚިދުމަތެއް މީގައި ހިމެނިގެން ދާނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ވޯކްގްރޫޕް ބޭނުންކުރާ ސްޓާފުންގެ މެދުގައި ހަތަރު ޑިޖިޓުގެ ނަމްބަރުތަކެއް ބޭނުންކޮށްގެން އެކަކު އަނެކަކަށް ގުޅުމުގެ ފަސޭހަކަން ލިބިގެން ދާނެ އެވެ. އަދި އެ ޑިޖިޓުތައް، އޮފީހުގައި ގެންގުޅޭ ނަމްބަރުތަކާ ލިންކު ކުރެވޭނެ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ ވޯކްގްރޫޕުގެ އެންމެ ޚާއްސަ ފީޗާއަކީ، އޭގައި ހިމެނޭ ފްލެކްސިބަލް ބިލިންގް ސިސްޓަމެވެ. ނިޔާޒް ވިދާޅުވީ، އޮފީސްތަކުން ދޭ ފޯނު އެލަވަންސަށްވާ ވަރަށް، ވޯކް ގްރޫޕުގައި ހިމެނޭ މުވައްޒަފުންގެ ފޯނުތަކުން ބިލު ކުރެވޭ ގޮތް ހެދޭނެ ކަމަށެވެ.

"ބައެއް ކުންފުނިތަކުން ދޭނެ ފޯނު އެލަވަންސް. އެ އެލަވަންސް ޗާޖު ކުރެވިދާނެ ކުންފުންޏަށް. އެލަވަންސުން ބޭރަށް ޗާޖު ވަންޏާ އޭތި ބިލު ކުރެވިދާނެ މުވައްޒަފަށް ވެސް. އެ ޚިދުމަތް މި ޕެކޭޖު ތެރެއިން ލިބިގެން ދާނެ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ވޯކްގްރޫޕާ އެކު ވެބް ޕޯޓަލްއެއް ވެސް ލިބޭ އިރު، އެ ޕޯޓަލް މެދުވެރިކޮށް ކުންފުނިން ބޭނުންކުރާ ނަމްބަރުތަކުގެ ފޯނު ބިލު ބަލައި، ބިލަށް ފައިސާ ދެއްކުމާއި އެސްއެމްއެސް ފޮނުވުމުގެ އިތުރުން، މުވައްޒަފުންނަށް ވަކިވަކި ގްރޫޕުތައް ވެސް ހެދޭނެ އެވެ.

"މިސާލަކަށް އެޗްއާރު ޓީމަށް ވަކި ގްރޫޕެއް، އެޑްމިންއަށް ވަކި ގްރޫޕެއް ހަދައި، މީޓިންގް ރިކުއެސްޓްތައް ހަދައި، ޕޯޓަލް ތެރޭގައި ފޮނުވާލެވޭނެ،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ވޯކްގްރޫޕު ޕެކޭޖުތަކުގެ ތެރޭގައި އައިޑީޑީ ޕެކޭޖުތަކާއި ރޯމިންގް ޑިސްކައުންޓް ލިބޭ ޕެކޭޖުތައް ވެސް ހިމެނިގެން ދާނެ ކަމަށެވެ.