05 May 2016, 14:06
ވާދަވެރި އަދި އަވަށްޓެރި އެތުލެޓިކޯ މެޑްރިޑަށްވުރެ، ރެއާލް މެޑްރިޑް އުޅެނީ ފެންވަރުގެ ގޮތުން ކުރީގައި ކަމަށް އެ ކްލަބުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފި އެވެ.
މި މަހުގެ 28 ވަނަ ދުވަހު ކުޅޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސްޕެއިންގެ މެޑްރިޑަށް ނިސްބަތްވާ ދެ ކްލަބު ނުކުންނައިރު، މީގެ ދެ އަހަރު ކުރިން ވެސް މި ދެޓީމު ވަނީ އެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ މެޗު 4-1 ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ރެއާލްއިންނެވެ. އެއީ ރެއާލްއިން އެ މުބާރާތް ކާމިޔާބުކުރި ދިހަ ވަނަ ފަހަރެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެތުލެޓިކޯ ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާ އާއި ސެމީ ފައިނަލުގައި ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު އެވެ. ފައިނަލުން ރެއާލް ޖާގަ ހޯދާފައިވަނީ ސެމީގައި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ އެ މުބާރާތުގެ ފައިނަލުގައި ރެއާލް ވާދަކުރާނެ 14 ވަނަ ފަހަރެވެ.
"އަހަރެމެންނަށް އެނގޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ ފައިނަލަކީ އުނދަގޫ މެޗަކަށް ވާނެކަން. އެތުލެޓިކޯއިން ބާސެލޯނާ އަދި ބަޔާންއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި. އެކަމަކު އަހަރެމެންގެ ތަފާތަކީ އެ ޓީމަށްވުރެ ފެންވަރުގެ ގޮތުން ރަނގަޅުވުން،" ކްރޫސް ބުންޏެވެ.
އޭނާ ބުނީ، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުންނައިރު އެ މެޗުގައި ވަކި ފޭވަރިޓް ޓީމެއް ނެތް ކަމަށާއި ކޮންމެ ޓީމަކަށް ވެސް ހަމަހަމަ ފުރުސަތެއް އެބައޮތް ކަމަށެވެ. އަދި އެ މުބާރާތުގެ ފައިނަލުން އެތުލެޓިކޯ ޖާގަ ހޯދުމުން އެކަމާ ހައިރާން ނުވާ ކަމަށް ވެސް ކްރޫސް ބުންޏެވެ.
މި ސީޒަނުގެ ސްޕެނިޝް ލަލީގާގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއްވެސް މެޗަކުން ރެއާލްއަށް ކުރި ހޯދިފައެއް ނުވެ އެވެ. އެއް މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް މެޗުގައި ރެއާލްގެ މައްޗަށް އެތުލެޓިކޯ ވަނީ ކުރި ހޯދައިފަ އެވެ.
ސްޕެނިޝް ލަލީގާގައި އަންނަ އާދީއްތަ ދުވަހު ވެލެންސިއާއާ ދެކޮޅަށް ރެއާލް ނުކުންނައިރު، އެ ޓީމު އޮތީ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް އެތުލެޓިކޯގެ ފަހަތުން ތިންވަނައިގައެވެ. ބާސާއާއި އެތުލެޓިކޯ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ އިރު، އެ ދެ ޓީމާއި ރެއާލްއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.