09 May 2011, 17:23
މާލެއިން ގަމަށް އިއްޔެ ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ގަމު އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ ކުރީ ފުރޮޅުތެރޭ މާކަނާއެއް ތާށިވެ، ބޯޓަށް ގެއްލުންވެ، މޯލްޑިވިއަންގެ ހުރިހާ ފްލައިޓުތަކެއްގެ ޝެޑިއުލްތައް އިއްޔެ ބަދަލުކުރަން ޖެހިއްޖެ އެވެ.
މިހާދިސާގައި ބޮޑު ސައިޒްގެ އެ މާނަކާ ވަނީ ޗިސް، ޗިސްވެ މަރުވެފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ އެޑްމިން މެނޭޖާ އަލީ ނަޝާތު މިއަދު ވިދާޅުވީ، އިއްޔެ ގަމަށް ޖެއްސި ބޯޓުގެ ފުރޮޅު ތެރޭ މާކަނާ ތާށިވީ ލޭންޑުކުރި ވަގުތު ކަމަށާއި އެކަމުގެ ސަބަބުން ބޯޓުގެ ފުރޮޅުގެ ހައިޑްރޯލިކް ސިސްޓަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.
"ލޭންޑުކުރި ވަގުތު، ހަމަ ފުރޮޅު ޖެހުމާއެކު ތާށިވި ކަމަށްވަނީ. އޭތި ތާށިވެފައި ވަރަށް ބޮޑެތި ގެއްލުންތަކެއްވެސްވި. ފުރޮޅުގެ ހައިޑްރޯލިކް ވެސް އެއް ކޮށް ހަލާކުވީ،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ، ބޯޓަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް ގަމުގައި ބޯޓު ގްރައުންޑް ކުރުމަށް ފަހު، އެ މައްސަލަ ރަނގަޅު ކުރި ކަމަށެވެ. އެހެންނަމަވެސް، އެ ބޯޓު ގްރައުންޑް ކުރަން ޖެހުމުން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްތަކަށް ބަދަލުގެންނަން ޖެހި، ބައެއް މަންޒިލްތަކަށް ފްލައިޓް ޑިލޭވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާއްމު ގޮތެއްގައި ދޫނި ޖެހެނީ ބޯޓު އުދުހޭއިރު ފިޔަަގަނޑުގައި ކަމަށާއި ލޭންޑްކުރާ ވަގުތު ބޯޓުގައި ދޫނި ޖެހި، އެކްސިޑެންޓުތައް ހިނގަނީ ވަރަށް މަދުފަހަރެއްގައި ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ. އެހެންނަމަވެސް، ދޭތެރެ ދޭތެރެއިން އެފަދަ އެކްސިޑެންޓުތައް ހިނގަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް އެއާޕޯޓް އޮފިޝަލުންނާ މަޝްވަރާކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ގަން އެއާޕޯޓާ ވެސް ވާހަކަދައްކައިގެން މިކަންކަން ވިޔަނުދޭން މަސައްކަތް މިކުރަނީ. ބޭރު ގައުމުތަކުގެ އެއާޕޯޓުތަކުގައި ހުރޭ ދޫނި ސްކެއާ އޮފްކުރަން ]ފައްސަން[ ބޭނުންކުރާ ދުންމާރިފަދަ އެއްޗެހިތައް." ނަޝާތު ވިދާޅުވި އެވެ.
މީގެ އިތުރުން އެ މައްސަލަ ހައްލުކުރަން ބޭނުންވަނީ، އައްޑޫއަކީ ހިމާޔަތްކޮށްފައިވާ ގިނަ ދޫނިތަކެއް ދިރިއުޅޭ ތަނަކަށްވެފައި، އެފަދަ ހާދިސާތަކުގައި އެ ސޮރުމެންނަށް އަނިޔާވުމަކީ މޯލްޑިވިއަން އިން އެދޭ ކަމަކަށް ނުވާތީ ކަމަށް ވެސް ނަޝާތު ވިދާޅުވި އެވެ.