ވޮޝިންޓަން(މޭ 5): އެމެރިކާގެ ކުރީގެ ރައީސް، ޖޯޖް އެޗްޑަބްލިއު ބުޝް އަދި ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްވެސް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ރޭހުގެ އެންމެ ކުރީގައި އުޅުއްވާ ޑޮނަލްޑް ޓްރަމްޕަށް ތާއީދު ނުކުރައްވާނެ ކަމަށް އެ ދެބޭފުޅުންގެ ތަރުޖަމާނުން ވިދާޅުވެއްޖެ އެވެ.

ޖޯޖް އެޗް ޑަބްލިއު ބުޝް ވެރިކަމުން ފައިބައިވަޑައިގަތް ފަހުން އެމެރިކާގައި ބޭއްވި ފަސް ރިޔާސީ އިންތިހާބުގައިވެސް އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަކަށް ހޮވޭ ބޭފުޅަކަށް ތާއިދު ކުރައްވާފަ އެވެ. ނަމަވެސް، މިފަހަރު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަކަށް ހޮވޭނެ ކަަމަށް އެންމެ ބޮޑަށް ބެލެވޭ ޑޮނަލްޑް ޓްރަމްޕަށް ތާއިދު ނުކުރައްވަން ބުޝް ނިންމެވީ އޭނާ މިހާރު ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންފައިވާތީ ކަމަށް ބުޝްގެ ތަރުޖަމާނު، ޖިމް މެކްގްރެތް ވިދާޅުވި އެވެ.

"އުމުރުން 91 އަހަރުފުޅުގައި ރައީސް ބުޝް ވަނީ ސިޔާސީ ދާއިރާއިން ދުރަށް ޖެހިވަޑައިގެންފަ،" މެކްގްރެތް ވިދާޅުވި އެވެ.

ޖޯޖް އެޗް ޑަބްލިއު ބުޝްގެ ދަރިކަލުން އަދި އެމެރިކާގެ 42 ވަނަ ރައީސް، ޖޯޖް ޑަބްލިއު ބުޝް ވެސް ވަނީ ރިޔާސީ އިންތިހާބުގައި އެއްވެސް ފަރާތަކަށް ތާއިދު ނުކުރައްވަން ނިންމަވާފަ އެވެ.

"ރައީސް ބުޝް ރިޔާސީ ކެމްޕެއިންގައި ބައިވެރިވެ، ކެމްޕެއިނާ ބެހޭ ގޮތުން އެއްޗެކޭ ވިދާޅުވާން ނިންމަވާފައި ނުވޭ،" ޖޯޖް ޑަބްލިއު ބުޝްގެ ތަރުޖަމާނު، ފްރެޑީ ފޯޑް ވިދާޅުވި އެވެ.

ޖޯޖް އެޗް ޑަބްލިއު ބުޝްގެ ދެވަނަ ދަރިކަލުން އަދި ޖޯޖް ޑަބްލިއު ބުޝްގެ ކޮއްކޯފުޅު، ޖެބް ބުޝް ވަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ރޭހުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ނަމަވެސް، ގިނަ ޕްރައިމަރީތަކުން ނާކާމިޔާބުވެ ވަޑައިގަތުމުން ފެބްރުއަރީ މަހު ރޭހުން ވަކިވެވަޑައިގެންނެވި އެވެ. (ޓައިމް)