05 May 2016, 10:38
މާތްاللّـهރުއްސުންލެއްވި ހުރިހާ މައިކަނބަލުންވެސް އެބަސްފުޅު މާނަކުރެއްވީ އެބަސްފުޅުގެ ލަފްޒީ މާނައިގައެވެ. އެހެންކަމުން، ކައުސާހިބާصلّى اللّـه عليه وسلّمސުވަރުގެ ވަޑައިގަތުމަށްފަހު އެބޭކަނބަލުން އެއްތަނަކުން ބައްދަލުވެވަޑައިގެންފިނަމަ ވަރަށްގިނަފަހަރަށް އަތްޕުޅުތަކުގެ މިންބައްލަވައި އުޅުއްވިއެވެ.
أمّ المؤمنينالسّيّدة زينب بنت جحش رضى اللّه عنهاއާއި،أمّ المؤمنينالسّيّدة صفيّة بنت حيّ رضى اللّه عنهاގެ އިސްކޮޅުފުޅު ޢާއްމު އަންހެނުންނަށްވުރެ އިސާރަތެއް ކުރެވެ. އެނިސްބަތުން އެދެބޭކަނބަލުންގެ އަތްޕުޅުވެސް ކުރެވެ.
أمّ المؤمنينالسّيّدة زينب بنت جحش رضى اللّه عنهاއަކީ އަތްތެރި މަސައްކަތަށް ވަރަށް ކުޅަދާނަ ބޭކަނބަލެކެވެ. ދިބާޣުކުރެއްވުމާއި ފަށުވީން ރޮދިއެޅުއްވުމަކީ އެކަމަނާ ވަރަށްގިނައިން ކުރައްވައި އުޅުއްވި ދެމަސައްކަތްޕުޅެވެ. އެދެމަސައްކަތްޕުޅުން ވަރަށްބޮޑު އާމްދަނީއެއް ހޯއްދަވައި އުޅުއްވިއެވެ. ހޯއްދަވާ ހުރިހާ އާމްދަނީއެއް ހޭދަކުރައްވައި އުޅުއްވީ ފަޤީރުންނަށާއި މިސްކީނުންނަށާއި ޔަތީމުންނަށެވެ. އެކަމަނާގެ ގެކޮޅު ވެފައިއޮންނަނީ ޚައިރާތުގެ އިދާރާއަކަށެވެ. ކައުސާހިބާصلّى اللّـه عليه وسلّمޙަޤީޤަތުގައި އިޝާރަތްކުރެއްވީأمّ المؤمنينالسّيّدة زينب بنت جحش رضى اللّه عنهاގެ އެދީލަތިފުޅުކަމަށެވެ.
أمّهات المؤمنينންނަށް އެކަން ވިސްނިވަޑައިގެންނެވީ އެބޭކަނބަލުންގެ ތެރެއިން އެންމެފުރަތަމަ އަވަހާރަވި ބޭކަނބަލަކީ އެކަމަނާ ކަމުގައި ވެވަޑައިގަތުމުންނެވެ.
އަވަހާރަވުން
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمސުވަރުގެވަޑައިގެންނެވީ ހިޖްރައިން އެގާރަވަނަ އަހަރުއެވެ. އެހެންކަމުން،أمّ المؤمنينالسّيّدة زينب بنت جحش رضى اللّه عنهاއަށް، އިތުރު ސާހިބާއަށް ޚިދުމަތް ކޮށްދެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީ ހައެއްކަ އަހަރުއެވެ.أمّ المؤمنينހުވަފަތްވެވަޑައިގެންނެވުމަށްފަހު އެކަމަނާގެ ނަފްސު ވަޤުފުކުރެއްވީ އިސްލާމީ އުންމަތުގެ ޚިދުމަތަށެވެ. އިސްލާމީ އުންމަތަށް ތަޢުލީމާއި ތަރުބިޔަތު ދެއްވުމަށެވެ. އުންމަތުގެ ފަޤީރުންނާއި، މިސްކީނުންނާއި، ޔަތީމުންނަށް ޚިދުމަތްކުރެއްވުމަށެވެ.
أمّ المؤمنينالسّيّدة زينب بنت جحش رضى اللّه عنهاއަވަހާރަވީ ހިޖުރައިން ވިހިވަނަ އަހަރުއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ފަންސާސްތިން އަހަރުފުޅެވެ.
ކުރިންވެސް ދެންނެވިފަދައިންأمّالمؤمنينއަކީ ނުހަނު ހީވާގިފުޅު ބޭކަނބަލެކެވެ. މަސައްކަތްތެރި ބޭކަނބަލެކެވެ. އެހެންކަމުން އެކަމަނާވަނީ އަމިއްލަފުޅަށް އެކަމަނާގެ ކަފުންކޮޅުވެސް ތައްޔާރުކުރައްވައިފައެވެ. އަވަހާރަވުމުގެ ވަގުތު ކައިރިވެއްޖެކަން ވިސްނިވަޑައިގަތުމުން އެކަމަނާގެ ތިމާގެފުޅު ބޭފުޅުންނަށް ވަޞިއްޔަތް ކުރެއްވިއެވެ. "އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ އަޖަލު ކައިރިވެއްޖެހެންނެވެ. އަޅުގަނޑު ވަނީ އަޅުގަނޑުގެ ކަފުންވެސް އަމިއްލަޔަށް ތައްޔާރުކޮށްފައެވެ.أميرالمؤمنين عمرވެސް ކަފުނެއް ފޮނުއްވުން އެކަށީގެންވެއެވެ. އެކަލޭގެފާނު ކަފުނެއް ފޮނުއްވައިފިނަމަ ކޮންމެވެސް އެއްކަފުނެއް ޞަދަޤާތްކޮށްލައްވާށެވެ. އަޅުގަނޑުގެ އިޒާރުވެސް ޞަދަޤާތް ކޮށްލައްވައްޗެވެ."
أمّ المؤمنينލަފާކުރެއްވި ފަދައިން އެކަމަނާ އަވަހާރަވުމުންأمير المؤمنين عمر بن الخطّاب رضى اللّـه عنــهއެކަމަނާއަށް ފަސްކަފުންކޮޅު ތައްޔާރުކުރައްވައި މީރުވަސްދުއްވަވައިފައި ފޮނުއްވިއެވެ.
أمّ المؤمنينގެ ގައިކޮޅުގައިލެވުނީأمير المؤمنينފޮނުއްވި ކަފުންކޮޅެވެ. އެކަމަނާގެ ކޮއްކޯފުޅުحمنة بنت جحش رضى اللّـه عنــهاވަނީأمّ المؤمنينއަމިއްލަފުޅަށް ތައްޔާރުކުރެއްވި ކަފުންކޮޅާއި އެކަމަނާގެ އިޒާރުކޮޅު ޞަދަޤާތްކުރައްވައިފައެވެ.
أمّ المؤمنينއަވަހާރަވި ދުވަހަކީ މަދީނާއަށް ވަރަށް ހޫނުގަދަ ދުވަހެކެވެ. އެހެންކަމުން އެކަމަނާގެ ޤަބުރުފުޅު ކޮނެވުނުއިރު،أمير المؤمنينގެ އަމުރުފުޅަށް ޤަބުރުފުޅުމަތީގައި ފޭލިގެއެއް ޖެހިއެވެ. އެފޭލިގެއަކީ އަލްބަޤީޢުގައި ކަށްވަޅެއް ކޮނެވުނުއިރު ޖެހެވުނު އެންމެފުރަތަމަ ފޭލިގެއެވެ. ޖަނާޒާގެ ކަންތައް ތައްޔާރުކުރައްވައި ނިމިވަޑައިގަތުމުންأمير المؤمنين عمربن الخطّاب رضى اللّـه عنــه،ރުއްސުންލެއްވި މައިކަނބަލުންނާ ސުވާލު ކުރެއްވިއެވެ.السّيّدة زينب رضى اللّـه عنــهاގެ ހަށިކޮޅު ޤަބުރުފުޅުގައި ވަޑުއްވާނީ ކޮންބޭކަލުންނެއްތޯއެވެ؟أمّهاتން ޖަވާބު އެރުއްވިއެވެ. އެކަމަނާގެ ޙަޔާތްޕުޅުގައި އާދަވެގެން އެކަމަނާއަށް ޒިޔާރަތްކުރައްވައި އުޅުއްވި ބޭކަލުންގެ ތެރެއިން އެކަމަނާ އެބޭކަލުންނަށް ފަރުދާ ނުކުރައްވާ ބޭކަލުންނެވެ.
أمّ المؤمنينގެ ހަށިކޮޅު ބަޤީއަށް ގެންދެވުނީ އެކަމަނާގެ ވަޞިއްޔަތާ އެއްގޮތަށް ތާބޫތެނަބަވީގައެވެ. ކައުސާހިބާއަށްފަހު އެކަމަނާގެ ކުރީން އެތާބޫތުކޮޅު ބޭނުންކުރެވުނީأمير المؤمنين أبوبكر الصّدّيق رضى اللّـه عنــهގެ ޖަނާޒާގައެވެ.
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުކުރެއްވީأمير المؤمنين عمر بن الخطّاب رضى اللّـه عنــهއެވެ. އެކަމަނާގެ ހަށިކޮޅު ޤަބުރުފުޅުގައި ވެޑުއްވީ އެކަމަނާގެ ދޮންދަރިކަލެއްކަމުގައިވާأسامة بن زيدއާއި، ބޮޑުދައިތަ ވިދާޅުވާ ބޭކަލުންކަމުގައިވާمحمّد بن عبد اللّـه بن جحشއާއި،عبد اللّـه بن أبى أحمد بن جحشއާއި،محمّد بن طلحة
(رضى اللّـه عنهم)އެވެ. ޤަބުރުފުޅުގައި ވެޑުވިއިރުأمير المؤمنين عمر بن الخطّاب رضى اللّـه عنــهވަޅުފުޅުގެ ކައިރީގައި އިޙްތިރާމުގައި އިށީނދެވަޑައިގެން އިންނެވިއެވެ. ޞަޙާބީންގެ ވަރަށްގިނަ ބޭކަލުން ހާޒިރުވެވަޑައިގެން ތިއްބެވިއެވެ.
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاފުރައުއްތަވުމުން މަދީނާގެ ޔަތީމުންނާއި، މިސްކީނުންނާއި، ފަޤީރުންގެ ތެރެއަށްވަނީ ހިތާމައިގެ ވަރުގަދަ ކާރިޘާއެއް އައިސްފައެވެ. އެބައިމީހުންގެ ޙާލުއަޙްވާލު ބައްލަވައި އަބަދާއަބަދު އެހީފުޅުދެއްވާ ލޮބުވެތި މަންމާފުޅު އެބައިމީހުނާ ވަކިވެވަޑައިގެންނެވީތީއެވެ.
ޢިލްމުވެރިކަން
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاއަކީ އެކަމަނާގެ ޙަޔާތްޕުޅުގެ އެންމެ ކުރީކޮޅުގައިވެސްأمّ الحكيمގެ ލަޤަބުފުޅުން މައްކާގައި މަޝްހޫރުވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. އެކަމަނާގެ ވިސްނުންފުޅު ތޫނުކަމާއި، ހިތްޕުޅު އަލިކަމާއި، ރޯފިލައިވަޑައިގަންނަވާލެއް ބޮޑުކަމުން، ޖާހިލިއްޔަތުގައިވެސް އެކަމަނާއަށްވަނީ ތާރީފު ލިބިވަޑައިގެންފައެވެ.عبد المطّلبވަންހައިގެ ބޭފުޅުންނަކީ ތަރުބިޔަތުގެ ރޮނގުން އޭރުވެސް މުޅި މައްކާގައި އިޙްތިރާމުގެ ނަޒަރުން ބެލެވެމުންދިޔަ ބޭފުޅުންނެވެ. އެ ޢާއިލާގެ މެމްބަރަކު ޤާފިލާއެއްގައި ދަތުރުކުރެއްވި ކަމުގައިވިޔަސް މުޅި އެ ޤާފިލާއެއްގެ އުޅުމާއި، ގުޅުމާއި ސުލޫކު މުޅީން ތަފާތުވާނެކަމުގައި މީހުން ޤަބޫލުކުރެއެވެ. އިސްލާމްދީން ފޮނުއްވުމަށްފަހު ކުފުރާއި އިސްލާމުގެ މަޢުރިކާތަކުންأمّ المؤمنينގެ މަޢުލޫމާތާއި ތަޖްރިބާވަނީ އިތުރަށް އުއްތި ފުރިހަމަވެފައެވެ. ޚާއްޞަކޮށް ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިކަނބަލަކަށް ވެވަޑައިގަތުމުން އިތުރު ސާހިބާގެ ރޭގަނޑާއި ދުވާލުގެ އުނގަންނަވައިދެއްވުމާއި ތަރުބިޔަތުން އެކަމަނާގެ ޢިލްމީ ޚަޒާނާ އިތުރަށް ފުރައިލެއްވިއެވެ. ނަމަވެސް އެކަމަނާ މާގިނަ ޙަދީޘުފުޅުތަކެއް ރިވާކުރައްވައިފައެއް ނުވެއެވެ. އެކަމަނާގެ އަރިހުން ރިވާވެފައިވަނީ އެގާރަ ޙަދީޘެވެ. އެ ޙަދީޘުފުޅުތަކުގެ ރާވީންގެ ތެރޭގައިالسّيّدة أمّ حبيبة رضى اللّـه عنــهاއާއި،السّيّدة زينب بنت أبى سلمةرضى اللّـه عنــهاފަދަ ބޭކަނބަލުން ހިމެނެއެވެ. އެކަމަނާ ރިވާކުރައްވައިފައިވާ ދެ ޙަދީޘުފުޅަކާމެދު ދެ އިމާމުންވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.
އަޅުކަމާއި ތަޤްވާވެރިކަން
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاއަކީ ވަރަށްގިނައިން އަޅުކަން ކުރައްވައި ރޯދަ ހިއްޕަވައި އުޅުއްވި ތަޤްވާވެރި ބޭކަނބަލެކެވެ. އެކަމަނާގެ ގެކޮޅުގެ އެއްކަނެއްވަނީ މިސްކިތަކަށް ހައްދަވައިފައެވެ. ވަރަށްގިނަ ވަގުތު އަޅުކަމުގައި މަޝްޣޫލުވެވަޑައިގެން އެތާނގައި އިންނަވައެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمވެސް މަދުމަދުން އެތާނގައި ނަމާދުކުރައްވައި އުޅުއްވިއެވެ. ކޮންމެކަމެއް ކުރެއްވުމުގެ ކުރީން އިސްތިޚާރާ ކުރެއްވުމަކީأمّ المؤمنينގެ އާދަފުޅެކެވެ.
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاގެ އަޅުވެރިކަމާއި، ތަޤުވާވެރިކަމާއި، ވަރަޢަވެރިކަމުގެ ސަނަދަކީ ކައުސާހިބާصلّى اللّـه عليه وسلّمއެކަމަނާއަކީ އައްވާހެއްކަމުގައި ޙަދީޘުކުރައްވައިފައިވުމެވެ.حافظ إبن حجر،"الإصابه" ގައި ލިޔުއްވައިފައިވެއެވެ.
އެއްފަހަރަކު މުހާޖިރުންގެ ޖަމާޢަތެއްގެ ތެރޭގައި ޣަނީމާއެއް ބެހެވެމުންދިޔައިރުأمّ المؤمنينވެސް އެތާނގައި އިންނެވިއެވެ.عمر بن الخطّاب رضى اللّـه عنــهހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާފަދަ ކޮންމެވެސް އެއްޗެއް އެކަމަނާއަށް ވިދާޅުވެވުމުންعمرގެފާނު ތަންކޮޅެއް ހަރުކަށިފުޅުކޮށް އެކަމަނާއަށް ޖަވާބުދެއްވިއެވެ. މައްސަލައިގެ ތެރެއަށް ވެދެވަޑައިގަތުން މަނާކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّم،عمرގެފާނާ ދިމާޔަށް ވިދާޅުވިއެވެ. "عمرގެފާނެވެ!زينبއާ ދިމާޔަށް އެއްޗެކޭ ވިދާޅުނުވާށެވެ! އެކަމަނާއަކީأوّاهއެކެވެ." (ވަރަށްގިނައިން އަޅުކަންކުރައްވާ، ވަރަށްބޮޑަށްاللّـهއަށް ބިރުވެތިވެވަޑައިގަންނަވާ ބޭކަނބަލެކެވެ.)
ކައުސާހިބާصلّى اللّـه عليه وسلّم. އެއްދުވަހަކު ގެއަށް ވަޑައިގެންނެވިއިރު އިތުރު ސާހިބާގެ އަރިހުގައިعمر الفاروق رضى اللّـه عنــهވެސް ގެންނެވިއެވެ. އިތުރު ސާހިބާ ވަޑައިގެން ބައްލަވައިލެއްވިއިރުأمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاއިންނެވީ ނަމާދުކުރެއްވުމާއި ދުޢާކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވެ. އިތުރު ސާހިބާއަށް އެމަންޒަރު ފެނިވަޑައިގަތުމުން ވަރަށް އުފާފުޅުވިއެވެ.
عمرގެފާނާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ. "ޝައްކެއްނެތެވެ.زينبއަކީ ވަރަށް ކެތްތެރި، ވަރަށް ހިތްޕުޅުހެޔޮ، ބޭކަނބަލެކެވެ.اللّـهގެ ޙަޟުރަތަށް ގިނަގިނައިން ރުޖޫޢަވެވަޑައިގަންނަވާ ބޭކަނބަލެކެވެ."(المعجم الكبير، مجمع الزّوائد)
ޚުލުޤުފުޅު
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاއަކީ ކުރީންވެސް ދެންނެވިފަދައިން ނުހަނު ދީންވެރި، ނުހަނު ތަޤުވާވެރި ބޭކަނބަލެކެވެ. ޙައްޤުބަސް ވިދާޅުވި، ދީލަތިފުޅު ބޭކަނބަލެކެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއެކަމަނާ އަވަހާރަވުމުން ވިދާޅުވެފައިވެއެވެ.
"ހިތާމަ ހުއްޓެވެ. މިއަދު އަހަރެމެންނާ އެވަކިވެވަޑައިގަތީ، ތާރީފުކުރެވޭފަދަ ވަރަށްގިނަ ސިފަތަކެއްގެވެރި ބޭކަނބަލެކެވެ. ޔަތީމުންނާއި، ހުވަފަތްވެފައިތިބޭ މީހުންގެ ހިތާމަތަކުގެ ބައިވެރިޔާއެވެ. ވަރަށް އަޅުވެރި ބޭކަނބަލެކެވެ."
السّيّدة عائشة صدّيقةއަދިވެސް ވިދާޅުވެފައިވެއެވެ. "ދީނީ މުޢާމަލާތަކުގައިزينبއަށްވުރެ ރަނގަޅު އެއްވެސް އަންހެނަކު އަހަރެން ދެކެފައެއް ނުވެއެވެ."
أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاވިދާޅުވެފައިވެއެވެ.
"زينب بنت جحشއަކީ ވަރަށްގިނައިން ރޯދަހިއްޕަވާ، ވަރަށްގިނައިން ރޭއަޅުކަންކުރައްވާ ބޭކަނބަލެކެވެ. ވަރަށްގިނައިން އާމްދަނީ ހޯއްދަވާ ބޭކަނބަލެކެވެ. އެކަމަނާ ހޯއްދަވާ ހުރިހާ އެއްޗެހިކޮޅެއް މިސްކީނުންނަށް ޞަދަޤާތްކުރައްވަނީއެވެ."(الإصابة)
أمّ المؤمنين السّيّدة عائشة رضى اللّـه عنــهاވިދާޅުވެފައިވެއެވެ.
زينب بنت جحشއަކީ ކައުސާހިބާގެ އަރިހުގައި އަހަންނާ ވާދަކުރައްވާ ބޭކަނބަލެކެވެ. ނަމަވެސް އަހަރެންގެ މުޅި ޙަޔާތުގައިވެސް އެކަމަނާއަށްވުރެ ގިނައިން ޞަދަޤާތްކުރެއްވި، އެކަމަނާއަށްވުރެ ބޮޑަށް ރަޙިމުގެ ގުޅުން ބޭއްވެވި ބޭކަނބަލަކު ދެކެފައެއް ނުވެއެވެ. އަރަހުށި މާތްاللّـهއާ ކުއްތަންވެވަޑައިގަތުމަށް އެކަމަނާއަށްވުރެ ބޮޑަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭކަނބަލަކު ދެކެފައެއް ނުވެއެވެ. އަހަރެންގެ ބޮލުގައި ދޮގު އިލްޒާމެއް އެޅުވި މަދީނާގެ މުޅި ޖައްވު އަހަރެންނާ ބެހޭގޮތުން ކިލަނބުވެފައި އޮތްއިރު އަހަރެންގެ ފިރިކަލުންرسول اللّـه صلّى اللّـه عليه وسلّمއަހަރެންގެ އަޚްލާޤީ ޙާލަތާ ބެހޭގޮތުން އެކަމަނާއާ ސުވާލުކުރެއްވިއެވެ. އެކަމަނާ ސާފުބަސްފުޅުން ޖަވާބު ދެއްވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! އަޅުގަނޑުގެ ލޮލާއި ކަންފަތް ރައްކާތެރިކުރަމެވެ. މާތްاللّـهއަށްޓަކައި ދަންނަވަމެވެ.
عائشةއާ ބެހޭގޮތުން ހެޔޮކަމެއް ފިޔަވައި އަޅުގަނޑަކަށް އެނގިފައެއް ނުވެއެވެ."(البخارى، مسلم)
އާދެ، އެކަމަނާ ވިދާޅުވީ، "ތިމަން ކަމަނާގެ ލޯފުޅުން ދެކެވަޑައިނުގަންނަވާ، ތިމަން ކަމަނާގެ ކަންފަތްޕުޅުން އަޑުނާއްސަވާ ވާހަކައެއް، ތިމަން ކަމަނާއަށް ވިދާޅުވެވޭނީ ކިހިނަކުންތޯއެވެ؟ ތިމަން ކަމަނާގެ ދެނެވަޑައިގަތުމާއި ޔަޤީންކަމުގައި އެކަމަނާއާ ބެހޭގޮތުން ހެޔޮކަމެއް މެނުވީ ނުވެއެވެ."أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاބޭނުންފުޅުވިނަމަ، މަދީނާގެ އޭރުގެ ވެށީގެ ބޭނުން ހިއްޕަވައި އެކަމަނާގެ ވާދަވެރިޔާ އަދި ހަތުރަނބިކަނބަލުންالسّيّدة عائشةއާ ބެހޭގޮތުން ނުރަނގަޅު ތަޞައްވުރެއްވެސް ހުށަހެޅުއްވިއްޖައީހެވެ. ނަމަވެސް އެކަމަނާ ވަނީ އެފަދަ ބަލިކަށިފުޅުކަމުން ރައްކާތެރިވެވަޑައިގެންނެވެ.السّيّدة عائشة رضى اللّـه عنــهاވިދާޅުވެފައިވެއެވެ.زينب بنت جحشގެ ވަރަޢަވެރިކަމާއި، ތަޤްވާވެރިކަމުގެ ސަބަބުން އަރަހުށި މާތްاللّـهއެފިތުނައިން އެކަމަނާ ރައްކާތެރިކުރެއްވިއެވެ."(البخارى)
برزة بنت رافع رضى اللّـه عنــهاވިދާޅުވެފައިވެއެވެ.
"أمير المؤمنين عمر الفاروق رضى اللّـه عنــه،أمّهاتންގެ ޕެންޝަން ކަނޑައަޅުއްވައި އެކަމަނާގެ އަރިހަށް ޕެންޝަން ފޮނުއްވުމުންأمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاހީފުޅުކުރެއްވީ އެފައިސާއަކީ ހުރިހާأمّهاتންނަށް ފޮނުއްވި ފައިސާ ކަމުގައެވެ. އެހެން ހީފުޅުކުރައްވައި ވިދާޅުވިއެވެ. މާތްاللّـهعمرގެ ފާފަފުއްސަވާށިއެވެ. ނަމަވެސް އެއީ ހަމައެކަނި އެކަމަނާގެ ޕެންޝަން ކަމުގައި ދެންނެވުމުން ވިދާޅުވިއެވެ. ފައިސާތަކުގެ މަތީން ފޮތިގަނޑެއް އަޅާށެވެ. ދެން އަހަރެންގެ ގާތު ވިދާޅުވިއެވެ. ފޮތިގަނޑު ދަށަށް އަތްބާނައި މުށްފުރެންދެން ނަގައި، އެވެނި މިސްކީނަކަށް ދީފައި އަންނާށެވެ. ދެން ހަމައެގޮތަށް ނަގައި މިވެނި ޔަތީމަކަށް ދީފައި އަންނާށެވެ. އެގޮތަށް ބައްސަވައި ވަރަށްކުޑަ އެތިކޮޅަކަށްވުމުން ވިދާޅުވިއެވެ. ދެންހުރި އެއްޗެހި ކަނބުލޭގެ ނަގާށެވެ. އަހަރެން ގުނާލިއިރު އޮތީ އައްޑިހަފަސް ދިރުހަމެވެ. އެތަކެތި ބައްސަވައި ހުސްކުރެއްވުމަށްފަހު އުޑާ ދިމާއަށް ދެއަތްޕުޅު ނަންގަވައި ދުޢާކުރެއްވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަހަރަށްފަހުعمر الفاروقގެ ޕެންޝަން މިއަޅާއާ ހަމަޔަށް ނުފޮނުއްވާނދޭވެ!" އެއަށްފަހު އަހަރު ހަމަނުވަނީސް އެކަމަނާ އަވަހާރަވެއްޖެއެވެ.
ޢުމުރުފުޅުގެ މަރްޙަލާތައް
ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ފަސްވަނަ އަހަރުއެވެ.
- ކައުސާހިބާصلّى اللّـه عليهوسلّمއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ތިރީސްހައަހަރުފުޅެވެ.
- އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާصلّى اللّـه عليهوسلّمގެ ޢުމުރުފުޅަކީ، ފަންސާސްހަތް އަހަރުފުޅެވެ.
- ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ހައަހަރު ދުވަހުއެވެ.
- އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، ފަންސާސްތިން އަހަރުފުޅެވެ.
- އެކަމަނާ އަވަހާރަވީ، ހިޖްރައިން ވިހިވަނަ އަހަރުއެވެ.
- އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީޢުގައެވެ.
އަރަހުށި މާތްاللّـه، أمّ المؤمنين السّيّدة زينب بنت جحشއަށް ރުއްސުން ލައްވާށިއެވެ.
ޙަވާލާ
އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް
- އުންމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
- ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
- އުންމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
- ރަޙްމަތުއްލިލްޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާން މަންޞޫރުޕޫރީ
- ސީރަތުއްނަބިއްޔު ޢައްލާމާ ޝިބްލީ ނުޢުމާނީ، ސައްޔިދު ސުލައިމާން ނަދްވީ
- އައްރަޙީޤުލްމަޚްތޫމް މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކު ޕޫރީ
- ސޯ ބަޅީ ޒާހިދު ޚަވާތީން އައުރެ އިންކީ
ސަރުދާރުفاطمة بنت
محمّد صلّى اللّـه عليهوسلّمމުފުތީ ޘަނާއުاللّـهމަޙްމޫދު
އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ
__________________