ވޮޝިންޓަން(މޭ 5): އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދަން މަސައްކަތްކުރައްވާ ޑޮނަލްޑް ޓްރަމްޕް އަކީ ހަރުދަނާކަމެއްނެތް ހިކިހިތްވަރުގެ ބޭފުޅެއްކަމަށާއި އޭނާ އެމެރިކާގެ ވެރިކަމަށް އިންތިޚާބު ވުމަކީ އެމެރިކާއަށާއި ދުނިޔެއަވެސް އޮތް ބޮޑު ނުރައްކަލެއްކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯދަން މަސައްކަތްކުރައްވާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޓީވީ ނެޓްވާކެއްކަމަށްވާ ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި ހިލަރީ ވިދާޅުވީ، ޓްރަމްޕްއަކީ "މޮޔައެއްކަން" އޭނާގެ ވާހަކަތަކުން ދޭހަވާ ކަމުގައެވެ. އެފަދަ މީހަކު އެމެރިކާގެ ރިޔާސަތަށް އައުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށާއި އެ ފުރްސަތު ޓްރަމްޕްއަށް ނުދިނުމަށް އެމެރިކާގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާކަމަށް ހިލަރީ ވިދާޅުވި އެވެ.

ހިލަރީ މިހެން ވިދާޅުވިނަމަވެސް ޓްރަމްޕް މިހާރުވަނީ އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ ޓިކެޓް ލިބުމުގެ މަގުމަތީގައެވެ. ދުނިޔޭގެ ތިމާވެއްޓާ ގުޅޭ މައްސަލަތަކަކީ އަސާސެއްނެތް މައްސަލަތަކެއްކަމަށާއި އެއީ ޗައިނާއިން އޮޅުވާލާ އޮޅުވާލުންތަކެއްކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ. މިކަމުގެ ސަބަބުން ޓްރަމްޕަކީ މޮޔައެއްކަމަށް އެމެރިކާގެ އެތެރެއާއި ބޭރުގައިވެސްދަނީ ސިފަކުރެވެމުންނެވެ. ނަމަވެސް އެމެރިކާގެ ޒުވާނުންނާއި އަދި ޚާއްސަކޮށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންގެ މެދުގައި ޓްރަމްޕްގެ މަގްބޫލުކަން ވަރަށް ބޮޑެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި އޭނާއާ ވާދަކުރައްވަމުން ގެންދެވި ކެންޑިޑޭޓުންގެ ތެރެއިން އެންމެފަހުން ހުންނެވި ކެންޑިޑޭޓް ޖޯން ކެސިކް ވެސް ކެންޑިޑޭންސީ ދޫކޮށްލެއްވުމަށް މިހާރު ނިންމަވާފައިވާކަމުގެ ޚަބަރު ވަނީ ލިބިފައެވެ.

ޓްރަމްޕްއާއެކު ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދެވި ޓެޑްކްރޫޒްވެސް ވަނީ މިދިޔަ އަންގާރަދުވަހު ޕްރައިމަރީގެ ރޭހުން ވަކިވެވަޑައިގެންފައެވެ. އޭގެކުރިން އެހެން ކެންޑިޑޭޓުންވެސްވަނީ ޕްރައިމަރީ ކާމިޔާބު ނުކުރެވޭނެ ކަމަށް ނިންމައި ކެންޑިޑޭންސީ ދޫކޮށްލައްވާފައެވެ.

މިއާއެކު އެމެރިކާގެ ރިޔާސީ ރޭހުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ ޓިކެޓް ޓްރަމްޕަށް ލިބޭނެކަން ވަނީ ވަރަށްބޮޑަށް ކަށަވަރުވެފައެވެ. ނަމަވެސް މިކަން ނިންމާނީ އެޕާޓީގެ ފަރާތުން މިކަމަށް ބާއްވާ ޚާއްސަ ޖަލްސާއިންނެވެ.

ރިޕަބްލިކަން ޕާޓީގެ ހަރުކުލައިގެ ބޭފުޅުންވެސްވަނީ ޑޮނަލްޑް ޓްރަމްޕަކީ ހަރުދަނާކަމެއްނެތް އާދަޔާ ޚިލާފަށް ހަރުކަށި ބޭފުޅެއް ކަމަށް ސިފަކުރައްވައި އޭނާއާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

މީގެއިތުރުން އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސްވަނީ ޓްރަމްޕަކީ އެމެރިކާގެ ރިޔާސަތަށް ކަމުނުދާ އަދި ބައިނަލްއަގްވާމީ ދުނިޔެއާއި ދުނިޔޭގެ ސިޔާސީ މަސްރަހުވެސް އެނގިވަޑައިނުގަންނަވާ ބޭފުޅެއްކަމަށް ސިފަކުރައްވާފައެވެ. (ރޮއިޓާސް)