ވޮޝިންޓަން (މޭ 5): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ރޭހުން އޮހަޔޯގެ ގަވަރުނަރު، ޖޯން ކޭސިކް ވަކިވެވަޑައިގެންފި އެވެ.

ރިޔާސީ ރޭހުން ކޭސިކް ވަކިވެޑައިގެންނެވީ އިންޑިއާނާގައި ބޭއްވި ޕްރައިމަރީ އިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ފަހުންނެވެ. ކޭސިކްއަށް މިހާތަނަށް ކާމިޔާބު ކުރެއްވުނީ އޭނާ ގަވަރުނަރަކަށް ހުންނަވާ އޮހަޔޯ ސްޓޭޓުގެ ޕްރައިމަރީ އެކަންޏެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ރޭހުގައި ދެން ވާދަ ކުރެއްވި ޓެކްސަސްގެ ސެނެޓަރު، ޓެޑް ކްރޫޒް ވެސް ވަނީ ރޭހުން ވަކިވެވަޑައިގަންނަވާކަން އަންގާރަ ދުވަހު އިއުލާން ކުރައްވައިފަ އެވެ. އެހެންކަމުން، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ދެން މަސައްކަތް ކުރައްވާނީ ބިލިއަނަރު، ޑޮނަލްޑް ޓްރަމްޕް އެކަންޏެވެ.

ކަމާ ބެހޭ މާހިރުން ދެކިވަޑައިގަންނަވާ ގޮތުގައި އެޕާޓީގެ ކެނޑިޑޭޓަކަށް ވުމަށް ޓުރަމްޕަށް ދެން ބޭނުންވާ 184 ޑެލިގޭޓުން އޭނާ އަށް ކުރިއަށް އޮތް ޕްރައިމަރީތަކުން ކާމިޔާބު ކުރެއްވޭނެ އެވެ. އަދި ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ޓްރަމްޕްއާ ވާދަ ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އެވެ.

ރިޕަބްލިކަން ޕާޓީގް ޕްރައިމަރީތައް ދެން ބާއްވާނީ މިއަންނަ ހަފްތާ ތެރޭގައި ނެބްރަސްކާ އާއި ވެސްޓް ވާޖީނިއާގަ އެވެ. ޑިމޮކްރަޓިކް ޕާޓީން ވެސް ވެސްޓް ވާޖީނިއާގަައި ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވެ އެވެ. (ބީބީސީ)