ސައިކަލްތައް ވަގަށް ނެގުމަށްފަހު ވޯކްޝޮޕްތަކަށް ގެންގޮސް ބަދަލުތައް ގެނެސްގެން ދުއްވައި ވިއްކަމުންދާ މައްސަލަ ހައްލުކުރުމަށް މަސައްކަތް ފެށުމަށް ފުލުހުން ނިންމައިފި އެވެ.

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ޕޮލިސް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލެއިން ގެއްލޭ ނޫނީ ވަގަށް ނަގާ ސައިކަލްތައް މާލޭގެ ވޯކްޝޮޕްތަކަށް ނުވަތަ ވެހިކަލް ގަރާޖަކަށް ނޫނީ ގުދަނެއްފަދަ ތަނަކަށް ގެންގޮސް މޮޑިފައިކޮށް ނުއަގުގައި ވިއްކައި މާލެ އާއި އަތޮޅު ތެރޭގައި ދުއްވަމުން ގެންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.

"ސައިކަލްތަކަށް ބަދަލުގެނެސްގެން ބޭނުން ކުރަމުންދާ މައްސަލަ ފާހަގަ ކުރެވި އެކަމާ ބެހޭގޮތުން ހޯދަން ޖެހޭ މައުލޫމާތުތައް ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސުން ހޯދަމުން އެބަގެންދޭ. އެކަން ހުއްޓުވަން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް އިތުރު މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށާނެ،" ނަވީން ވިދާޅުވި އެވެ.

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އެ މަސައްކަތް ފެށުމަށްޓަކައި ހޯދި މައުލޫމާތުން އެނގުނު ގޮތުގައި އެފަދަ ބައެއް ވޯކްޝޮޕްތަކާއި ގަރާޖް ތަކަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ތަންތަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހަމައެހެންމެ އެފަދަ ބައެއް ތަންތަނަކީ ގަވާއިދާ ހިލާފަށް ހިންގާ ތަންތަންކަން ފާހަގަ ކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެންކަމުން އެފަދަ ތަންތަން ބަލައި ފާސްކުރަން ފެށުމުގެ ކުރިން އެތަންތަނުގެ ފުރިހަމަ މަޢުލޫމާތު ފުލުހުންނަށް އެނގުން މުހިއްމު. ސައިކަލް ވަގަށް ނެގުމުގެ ވައްކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި މިއީ ވަރަށް މުހިއްމު ކަމެއް،" އަބްދުﷲ ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލޭގައި ހުންނަ ބައެއް ކުދިކުދި ވޯކްޝޮޕްތައް ހުންނަ ތަންތަނަކީ ޤަވައިދުން ރައްޔިތުންނަށް ހިދުމަތް ދެމުންދާ ތަންތަން ނޫން ކަމަށާއި އެ ތަންތަން ބޭނުން ކުރަނީ ވައްކަމުގެ ނުރަނގަޅު އަމަލުތައް ހިންގަން ކަމަށެވެ.

ސައިކަލް ވަގަށް ނެގުމަކީ ވަރަށް އާންމު ކަމަކަށްވާއިރު ސައިކަލް ވަގަށް ނަގައި ސައިކަލްތައް ރޫޅާލުމަށްފަހު ބަދަލުކޮށްގެން ދުއްވަނިކޮށް މާލެއިން އެފަދަ ބައެއް ސައިކަލްތައް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް މިހާރުވެސް ފުލުހުން ކުރަމުން ގެންދެއެވެ.