05 May 2016, 09:47
ފަރީދީ މަގުގައި ހުންނަ އެމްއެޗްއޭ މާޓްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ އާއްމުންގެވެސް އެހީތެރިކަމާއެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރު ކޮށްފައި ވަނީ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރަން އުޅުމަށްފަހު ސައިކަލެއްގައި ފިލަން މަސައްކަތް ކުރަނިކޮށް ކަމަށެވެ.
އަދި އެ މީހާ ސައިކަލުގައި ފިލަން މަސައްކަތް ކުރުމުގެ ތެރެއިން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ދެ ސައިކަލެއްގައި ޖެހި އެ ދެ ސައިކަލާއި އެ މީހާ ދުއްވި ސައިކަލު ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެހެންނަމަވެސް ތުހުމަތު ކުރެވޭ މީހާގެ ސައިކަލު ފިޔަވައި އެހެން މީހެއްގެ ސައިކަލަށް ގެއްލުން ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި، ހަތިޔާރު ބޭނުން ކޮށްގެން ފޭރުމާއި ވައްކަން ކުރުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރިކޯޑު އޮންނަ މީހެއް ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.