އިންޑިއާއާއި ރާއްޖޭގެ ތާރީޚައި ސަގާފަތާއި ފަންނާ ބެހޭގޮތުން، ކޮންމެ މަހަކު އެއްފަހަރު ބާއްވާ ޕަބްލިކް ލެކްޗަރު ސީރީޒެއް ފެށުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނިންމައިފި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި، މި ސީރީޒްގެ ލެކްޗަރުތަކުގައި، އެކި ތާރީޚާއި ސަގާފަތާއި ތަރައްގީއާ ބެހޭ މާހިރުން، އެ ރޮނގުތަކުން ތަގުރީރު ކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނެ އެވެ.

އޭގެ ތެރޭގައި، އިންޑިއާ އަދި ރާއްޖޭގެ ސަގާފަތާ އާދަކާދަތަކާއި، ތާރީޚާއި، ބަހާ އަދަބިއްޔާތާއި، މިއުޒިކާއި، މުޖުތަމަޢާއި، އިގްތިސާދީ ތަރައްގީގެ އިތުރުން ވިޔަފާރި ފަދަ ދާއިރާތަކުން މައުޟޫއުތަކަށް ވާހަކަދެއްކުން ހިމެނޭނެ އެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ، އިންޑިއާއާ ރާއްޖެއާ ދެމެދު ތާރީޚީ، ސަގާފީ އަދި ދީނީ ގޮތުން ވެސް ބޮޑެތި ގުޅުންތަކެއް ހުންނަ ކަމަށާއި، މި ލެކްޗަރު ސީރީޒްގެ ސަބަބުން އިންޑިއާ ރައްޔިތުންނާއި ދިވެހީން ފިކުރީ ގޮތުން ގުޅުވައިދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މި ލެކްޗަރުތަކުގެ ސަބަބުން އެކަކު އަނެކަކާ ފިކުރީ ގޮތުން ގުޅުވައިދީ، ވިޔަފާރީގެ ގޮތުންނާއި، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުންނާއި، ސަގާފީ ގޮތުންނާއި އަދަބީ ގޮތުން ދިމާވެފައިވާ ތަޖުރިބާ ހިއްސާކޮށް، ޚިޔާލު ބަދަލުކުރުމަށް ފުރުސަތުތަކެއް ލިބޭނެ ކަމަށް އުންމީދުކުރަން،" ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވި އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ، މި ލެކްޗަރު ސީރީޒްގައި ތަގުރީރު ކުރުމަށާއި ހުށަހެޅުންތައް ހުށަހެޅުމަށް ޝައުގުވެރިވާ ވާހަކަދެއްކުންތެރިންނާއި އެހެނިހެން ފަރާތްތަކުން ވެސް އިންޑިއާ ހައިކޮމިޝަނަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން އެފަރާތްތަކުގެ ސީވީއާއި، ވާހަކަ ދެއްކުމަށް ނުވަތަ ހުށަހެޅުންތައް ހުށަހެޅުމަށް ޝައުގުވެރިވާ، އެފަރާތްތަކުގެ ޕްރޮފެޝަނަލް ދާއިރާއާ ބެހޭ މައުލޫމާތު، ހައި ކޮމިޝަނަށް އީމެއިލް މެދުވެރިކޮށް[email protected]ނުވަތަ[email protected]އަށް ފޮނުވުމަށް އިންޑިއާ ހައިކޮމިޝަނުން އެދެ އެވެ.