14:30


ޗައިނާގެ ޖިއަންގްސޫ ޕްރޮވިންސްގެ ޕްރީސްކޫލެއްގެ ތެރެއަށް ވަދެގަތް މީހަކު އެސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.


ޗައިނާގެ ނިއުސް އެޖެންސީއަކުން މައުލޫމާތު ދިންގޮތުގައި މިހާދިސާގައި އެސްކޫލްގައި ކިޔަވަމުންދާ 28 ކުއްޖަކާއި ދެޓީޗަރަކާއި ސެކިއުރިޓީ ގާޑަކު ވަނީ ޒަޚަމްވެފަ އެވެ. އަދި ޒަޚަމްވި ކުދިންގެ ތެރެއިން ގިނަކުދިންނަކީ އުމުރުން ހަތަރު އަހަރުވެސް ނުފުރޭ ކުދިން ކަމަށާއި މީގެ ތެރޭން ފަސްކުއްޖަކު ވަނީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް ވެސް އެފަރާތުން މައުލޫމާތުދެ އެވެ.


މިހާދިސާއާ ގުޅިގެން އެޕްރޮވިންސްގެ އޮފިޝަލަކު ބުނެފައިވަނީ ވަޅިން ހަމަލާދިން އުމުރުން 47 އަހަރުގެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ އާ ބެހޭ އިތުރު މައުލޫމާތު ސާފުކޮށް ކިޔަވާ ކުދިންތަކަކަށް ހަމަލާ ދޭން ޖެހުނު ސަބަބު ސާފުކުރަމުންދާ ކަމަށެވެ. އަދި ސްކޫލްތަކުގެ ސެކިއުރިޓީ ނިޒާމް ވަރުގަދަކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި ނަމަވެސް ގިނަ ކުދިންތަކަކާއި ބެލެނިވެރިން ވަދެ ނިކުމެ ހަދާ ސްކޫލެއްގައި ވަރުގަދަ ސެކިއުރިޓީ ނިޒާމެއް އިންސްޓޯލް ކުރުމަކީ އުނދަގޫކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.


މިހަމަލާ އައިސްފައިވަނީ ދެކުނު ޗައިނާގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންތަކަކަށް ސިކުނޑި ހަމަނުޖެހޭ މީހަކު ވަޅިން ހަމަލާ ދީ ޒަޚަމްކޮށްލިތާ އެއްދުވަސް ފަހުންނެވެ. އަދި މިއީ ޗައިނާގެ ސްކޫލެއްގައި މިއަހަރު މިފަދަ ހާދިސާއެއް ހިނގި ތިންވަނަ ފަހަރެވެ.