04 May 2016, 23:08
އެއްވަނަ ޑިވިޝަނުގައި އަލަށް ވާދަކުރަމުންދާ ޔުނައިޓެޑް ވިކްޓަރީ އަތުން ހަނިތަފާތަކުން ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ނިއު ރޭޑިއަންޓް ކުރިހޯދީ 1-0 ލަނޑުންނެވެ.
މިރޭގެ މެޗަށް ނުކުތްއިރު، ދެ ޓީމުން ވެސް ވަނީ ލީގުގައި ކުރިން މެޗެއް ކުޅެފަ އެވެ. ލީގުގައި ނިއު ރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން 2-3 ލަނޑުން ބަލިވިއިރު، ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން 5-2 ލަނޑުން ވަނީ މޮޅުވެފަ އެވެ.
މެޗުގެ ކުރީކޮޅުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ކައިރީގައި ޔުނައިޓެޑް ވިކްޓަރީން ރަނގަޅު ކުޅުމެއް ދެއްކާފައިވެ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި ނިއުރޭޑިއަންޓް އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހަންމަދު އަފްރާހް
މެޗުގެ 20 ވަނަ މިނެޓުގައި ނިއުއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އަބްދުﷲ ހަނީފް (ބެންޖޯ) ނަގައިދިން ހުރަހަކުން ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، އިއްޒަތު އަބްދުލް ބާރީ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. އޭނާއަށް ބޯޅަ ލިބުނުއިރު، ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ނިއުއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިއްޒަތު އުފެއްދި ހަމަލާ ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައިން މުހައްމަދު ސާދިން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
އޭގެ ދެ މިނެޓުފަހުން ޔުނައިޓެޑް ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބޯޅަ ހިފައިގެން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ކެރިޗް އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު ސުލޭމާނާއާ ދިމާލަށެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް ނިއުއަށް ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ހާފުގެ ކުރީކޮޅު ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގައި ނިއުރޭޑިއަންޓް އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހަންމަދު އަފްރާހް
މެޗުގެ 68 ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު)އަށް ކުރި ފައުލަކާ ގުޅިގެން ނިއުއަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނިއުއިން ލަނޑުޖަހައި ލީޑު ނެގީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ވެލިޗްކޯވް މިޓްކޯވް އެވެ. ވެލިޗްކޯވް ފޮނުވާލި ޕެނަލްޓީ، ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު މަހްމޫދު އަލް ޔޫސުފް މަތަކުރި ނަމަވެސް ވެލިޗްކޯވް ވަނީ ރީބައުންސް ބޯޅަ، ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، މާދަމާރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާ އެވެ.