04 May 2016, 21:09
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރަން ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްދީފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފަށައިގެން 30 ދުވަހަށް ކަމަށެވެ. ނަޝީދަށް ދިން އެ މުއްދަތު ހަމަވާނީ މިމަހުގެ 18 ވަނަ ދުވަހަށެވެ.
ނަޝީދުގެ ބޭސް ފަރުވާއަށް މުއްދަތު އިތުރުކޮށްފައިވަނީ އެމަނިކުފާނު އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް ވިދާޅުވެ އެކަމާގުޅޭ ލިޔެކިއުންތައް ހުށަހެޅުމުންނެވެ.
ކުރީގެ ރައީސް ނަޝީދު ބޭސްފަރުވާ އަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވާއިރު، އެމަނިކުފާނަށް ބޭސްފަރުވާ ކުރުމުގެ މުއްދަތު މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ އިތުރުކޮށްފައެވެ.
ނަމަވެސް އޭޕްރިލް 18 ވަނަ ދުވަހު، ރައީސް ނަޝީދު ސާޖަރީއެއް ހަދަން ނުޖެހޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވަމުންދާތީ ކަމަށްބުނެ ބޭސްފަރުވާކުރުމަށް އެމަނިކުފާނަށް އިތުރުކޮށްދެއްވި މުއްދަތު އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް ވިދާޅުވި އެވެ.
އެގޮތަށް ނިންމެވުމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެ ނިންމުން އަލުން މުރާޖާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ސްރީލަންކާގެ ކޮލަމްބޯ އިން ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރާވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.