04 May 2016, 20:49
ޔުނެސްކޯ ސައުތް އޭޝިއާ ފައުންޑޭޝަން (އެސްއޭއެފް) މަދަންޖީތް ސިންގް ގްރޫޕް ސްކޮލަޝިޕްގެ ދަށުން އިންޑިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ބުނީ، އިންޑިއާގެ ޕޮންޑިޗަރީ ޔުނިވާސިޓީ އިން ސްކޮލަޝިޕްގެ ފުރުސަތު ހުޅުވައިލާފައިވަނީ ޕީއެޗްޑީ އިން ސައުތް އޭޝިއަން ސްޓަޑީޒް އަދި މާސްޓާސް އޮފް އާޓްސް އިން ސައުތް އޭޝިއަން ސްޓަޑީޒް އިން ކަމަށެވެ.
އެގޮތުން ޕީއެޗްޑީ އަށް ކުރިމަތިލާ މީހެއްގެޝަރުތެއްގެ ތެރޭގައި، ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮންނަންޖެހޭއިރު، މާސްޓާސް ގެ ފުރުސަތަށް ކުރިމަތިލާ މީހެއް ނަމަ، ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލްކޮށްފައި އޮންނަންޖެހެ އެވެ.
ޑީއެޗްއީ އިން ބުނީ، ފުރުސަތު ހުޅުވައިލާފައިވާ ކޯސްތަކަށް ކުރިމަތިލާ މީހުންނަށް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށާއި އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަން ބާތިލްވާނެ ކަމަށެވެ.
މީގެ އިތުރުން ސްކޮލަޝިޕްގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވާ ނިމުމުން، ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑްކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ސައުތް އޭޝިއާ ފައުންޑޭޝަނުން ހުޅުވާލާފައިވާ އެ ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިންނެވެ. އަދި ކޯހަށް އެދޭ ފޯމް ޑީއެޗްއީ އިން ލިބޭނެ އެވެ.