04 May 2016, 19:07
މޯލްޑިވިއަން އައިޑޮލްގެ ނަތީޖާ ގަބޫލުނުކުރި ނަމަވެސް، ސަޕޯޓަރުންގެ ހައްގުގައި ޕީއެސްއެމްއާއެކު ހަދާފައިވާ ކޮންޓްރެކްޓަށް އިހްތިރާމްކުރާނެ ކަމަށް މުބާރާތުގެ ރަނަރަޕް ޝަލަބީ އިބްރާހިމްގެ ޓީމުން ބުނެފި އެވެ.
ޝަލަބީގެ ޓީމުން މީގެ ކުރިން ވަނީ، މޯލްޑިވިއަން އައިޑަލްގެ ޝޯވގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށާއި ޕީއެސްއެމްއާއެކު ހަދާފައިވާ ކޮންޓްރެކްޓަށް އިހްތިރާމް ނުކޮށް އެ ކޮންޓްރެކްޓް އުވާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައެވެ.
ޝަލަބީގެ ޓީމުގެ އޮފިޝަލަކު 'ސަން' އާ ވާހަކަދައްކަމުން ބުނީ، ޕީއެސްއެމްއާއެކު ހަދާފައިވާ އެއްބަސްވުމަކީ ޝަލަބީ އަށް އެއްވެސް ފައިދާތަކެއްކުރާނެ އެއްޗެއް ނޫން ކަމަށެވެ.
ސަޕޯޓަރުން ބޭނުންވާ ކޮންމެ ކަމެއްވެސް ޝަލަބީ ކުރާނެ ކަމަށާއި އައިޑަލްގެ ކަންތައް ދިޔަ ގޮތުން ޝަލަބީ ލަވަކިޔުމާ ހުއްޓާނުލައި ކުރިއަށް އޮތް ތަނުގައި މާ ވަރުގަދަ ވެއްޖެ ކަމަށް ވެސް އޮފިޝަލު ބުންޏެވެ.
"ސަޕޯޓަރުންނަށް އިނގިފައި އޮތީ ޕީއެސްއެމްއާއެކު ވެފައިވާ އެއްބަސްވުން އުވާލައިފިނަމަ ޝަލަބީގެ ދުވަސްދާނެ ކަމަށް. އެކަމަކު އެ އެއްބަސްވުމަކީ ބޮޑަށް ފައިސާގެ މުއާމަލާތެއް. ޝަލަބީގެ ފަހަތުގައި އޮތް ހަމައެކަނި ބަޔަކީ ޝަލަބީގެ ފޭނުން. އެހެންވެގެން ފޭނުންގެ ހިތްހަމަނުޖެހުމާ ދެރަވުމާ އުޅޭތީ ކޮންޓްރެކްޓް އާއެކު ކުރިއަށްދާން ނިންމީ،" ޝަލަބީގެ ޓީމުގެ އޮފިޝަލު ބުންޏެވެ.
މޯލްޑިވިއަން އައިޑޮލްގެ ތިން ފައިނަލިސްޓުންގެ އިތުރުން މުބާރާތުގެ ގަދަ ދިހައެއްގައި ހިމެނޭ ލަވަކިޔުންތެރިންގެ ހުނަރު މެނޭޖުކުރުމަށް ޕީއެސްއެމް އިން އެ ބައިވެރިންނާއެކު ހަދާފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
އޮފިޝަލު ބުނީ، ޕީއެސްއެމްގެ އެއްބަސްވުމާއެކު ކުރިއަށްދާން ނިންމި ނަމަވެސް، ޕީއެސްއެމްއާ ގުޅިގެން ޝަލަބީ އަދި ޝަލަބީގެ ޓީމުން ވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.