އދ. ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކުލި ޓޫއަރިޒަމް މިނިސްޓްރީން ބޮޑުކޮށްފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން ޓޫއަރިޒަމް މިނިސްޓްރީގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ވިލާ އިން ކުރާ ދައުވާ ހުށަހަޅުއްވަމުން އެ ކުންފުނީގެ ގާނޫނީ ވަކީލު އަރީފް އަހުމަދު ނަސީރު ސިވިލް ކޯޓުގައި މިއަދު ވިދާޅުވެފައި ވަނީ 250 އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ޓަކައި ސަރުކާރުން ވިލާ އަށް އދ. ދިއްފުށި އޮކްޓޯބަރު 22، 1992 ގައި ކުއްޔަށް ދީފައިވާ ކަމަށެވެ. ވަކީލު ވިދާޅުވީ އެއްބަސްވުމުގެ ފުރަތަމަ 16 އަހަރު ދުވަހުގެ ފަހުން ފަސް އަހަރު ފާއިތުވުމުން، ޖެހިގެން އޮތް ފަސް އަހަރުން ކޮންމެ ފަސް އަހަރަކަށް ކުލި ކަނޑައަޅާނީ ދެ ފަރާތުން މަޝްވަރާކޮށްގެން ކަމަށެވެ. އަދި ކުލި ކަނޑައެޅުމުގައި އެ ދުވަސްވަރުގެ ޓޫއަރިސްޓް މާކެޓަށާއި އޮކިއުޕެންސީ ރޭޓަށް ބަލަންވާނެ ކަމަށް އެގްރިމެންޓުގައި ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ އެއްބަސްވުމުގައި މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް އޮކްޓޯބަރު 1، 2008 އިން ފެށިގެން ކުރިއަށް އޮތް 10 އަހަރުގެ ކުލި ސަރުކާރުން ވަނީ ކަނޑައަޅާފައިވާ ކަމަށާއި އެގޮތަށް ކުލި ދައްކަމުން ދިއުމަށް ޓޫއަރިޒަމް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ވިލާ އިން އެދުނީ އެއީ އެއްބަސްވުމާ ހިލާފަށް ކަނޑައަޅާފައިވާ ކުއްޔެއް ކަމުން އެ މައްސަލަ ހައްލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަމަކު މައްސަލަ ހައްލުވެފައިނުވާތީ ޖޫރިމަނާއާ އެކު ވެސް ކުލި ދައްކަމުން ގޮސްފައިވާނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ޖޫރިމަނާ ދައްކާފައިވާ 120،927 ޑޮލަރު (1،864،694ރ.) އަނބުރާ ހޯދުމަށާއި ސަރުކާރުން ކުލި ކަނޑައަޅާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަނޑައަޅައިދެއްވުމަށް ވަކީލު އެދިވަޑައިގަތެވެ. އަދި މީގެ އިތުރުން އެ މައްސަލައިގައި ގާނޫނީ ވަކީލުންގެ ފީއަށް ހަރަދުވެފައިވާ 25،000ރ. ހޯދުމަށް ވެސް ވިލާއިން އެދިފައިވެ އެވެ.

ޕިކްނިކް އައިލެންޑެއް ކަމަށްވާ ކ. ކުޑަފިނޮޅުގެ ކުލި ބޮޑުކޮށްގެން ވެސް ވިލާއިން ވަނީ ޓުއަރިޒަމް މިނިސްޓްރީގެ މައްޗަށް މިފަހުން ދައުވާ އުފުލައިފަ އެވެ.