އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ލަނޑުން ބީޖީ ސްޕޯޓްސް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ހަނި ތަފާތަކުން މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ މާޒިޔާއިން މިއަދު ހަވީރު ބީޖީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 1-0 ލަނޑުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ މާޒިޔާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ކުރިން މާޒިޔާ އަދި ބީޖީ ވެސް ވަނީ ލީގުގައި މެޗެއް ކުޅެފަ އެވެ. ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި 3-2 ލަނޑުން ނިއު އަތުން މޮޅުވި އިރު، ބީޖީ ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ވެލެންސިއާ އަތުން 3-0 ލަނޑުން ވަނީ ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން އިސްމާއިލް އީސަ ނަގައިދިން ހުރަހަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަހްމަދު އިމާޒް (އާއްކޮ) ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

އޭގެ ހަތް މިނެޓުފަހުން ބީޖީއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހިމް އަފްލާހުއަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު އިމްރާން މުހައްމަދުއާ ދިމާލަށެވެ.

މެޗުގެ 11 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. އިސްމާއިލް އީސަ ދިން ބޯޅައަކުން މާޒިޔާއަށް ލީޑު ހޯދައިދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ ހަނި އޭންގަލުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ މާޒިޔާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 23 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ސަމްދޫހު މުހައްމަދު ނަގައިދިން ހުރަހަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، އަސަދުﷲ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އޭގެ މިނެޓެއްފަހުން މާޒިޔާއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. އީސަ ދިން ބޯޅައަކުން ހަސަން ޝިފާޒް ނަގައިދިން ހުރަހަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އިމާޒް ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ 31 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްލުމަށް އަނެއްކާވެސް ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާއަށް ލިބުނު ކޯނަރަކުން ނައްޓޭ ނަގައިދިން ހުރަހަކުން އަމްދާން ބޮލުން އުފެއްދި ހަމަލާ، ބީޖީ ގޯލުގެ ލައިނު މަތިން ޑެނިއެލް ފިލެމޮން ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ބީޖީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކިންގްސްލީ އެލެޗީއަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ. އޭނާ އެ ހަމަލާ އުފެއްދި އިރު، ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހުސައިން އަފްސަލް ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޑެނިއެލް ފިލެމޮން އުފެއްދި ހަމަލާ، ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 69 ވަނަ މިނެޓުގައި މާޒިޔާއަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ސަމްދޫހު ނަގައިދިން ހުރަސް، ކީޕަރު ހަނީފް ސާގިބް ދިފާއުކުރުމާއެކު ލިބުނު ބޯޅައިން ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. އޭނާއަށް ބޯޅަ ލިބުނުއިރު، ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ބީޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ މާޒިޔާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 81 ވަނަ މިނެޓުގައި ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބީޖީއަށް ލިބުނު ހިލޭ ޖެހުމަކުން ކިންގްސްލީ އުފެއްދި ހަމަލާ، ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ. އިމްރާން މަތަކުރުމާއެކު، ހުރަސްދަނޑީގައި ޖެހިފައި ނުކުތް ބޯޅައިން ފުރުސަތެއް ލިބުނު ނަމަވެސް، ބީޖީގެ ކުޅުންތެރިންނަށް އެ ފުރުސަތުގެ ބޭނުން ހިިފިފައެއް ނުވެ އެވެ.

މެޗުގެ 83 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު އުމައިރުއަށް ލިބުނު ހުސް ފުރުސަތުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. އޭރު ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ބީޖީގެ ކީޕަރު ސާގިބުގެ އިތުރު އެއް ޑިފެންޑަރެވެ.

މެޗުގެ 86 ވަނަ މިނެޓުގައި މާޒިޔާއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އީސައަށް ލިބުނު ފުރުސަތުން އުފެއްދި ހަމަލާ، ކީޕަރު ސާގިބް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްލުމަށް ބީޖީއަށް ހުސް ފުރުސަތެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، އަހްމަދު ވިސާމްއަށް ލިބުނު ބޯޅައިން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި އިބްރާޙިމް ހަމްދާންއަށް އެ ބޯޅަ ދިން ނަމަވެސް، ހަމްދާންގެ ފައިގައި ބޯޅަ ލައްވާލައިފައެއް ނުވެ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އަލަށް ޕްރޮމޯޓުވި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.