މާލޭގެ އަވަށްތަކުގެ ތެރެއިން މާފަންނު، ހެންވޭރު، ގަލޮޅު އަދި މައްޗަންގޯޅީގައި ހަތަރު ފުރޮޅުލީ އުޅަނދު ފަހަރު ޕާކު ކުރުމަށް ހަދާ ޕާކިންގް ގަރާޖަށް ހުއްދަ ދޫކުރުމުގައި ބަލާ އާންމު އުސޫލު، ހައުސިންގް މިނިސްޓްރީން އާންމުކޮށްފި އެވެ.

ހައުސިންގް މިނިސްޓްރީން އިއްޔެ ގެޒެޓުގައި އާންމުކުރި އުސޫލުގައި ބުނެފައިވާ ގޮތުން، އެ އުސޫލުގެ މަގުސަދަކީ މާލޭގެ މަގުތަކުގައި ޕާކުކުރެވޭ ވެހިކަލްތައް ކޮންޓްރޯލު ކުރުމާއި ޕާކިންގް ގަރާޖު ހެދުމަށް ހުއްދަ ދިނުމުގެ ކަންކަން ހަރުދަނާ ކުރުމެވެ.

އުސޫލުގައިވާ ގޮތުން، މާލޭގެ ގޯތިތަކުގައި ހަދާފައި ހުންނަ އިމާރާތްތަކަށް ޕާކިންގް ގަރާޖުގެ ހުއްދަ ދެވޭނީ މޭލޭ ޕްލޭނިންގް ގަވައިދުގެ ދަށުން ދޭން ޖެހޭ ޕާކިންގް އޭރިއާގެ ތެރޭގައި ނުހިމެނޭ ތަންތަނަށެވެ.

ގަރާޖުގެ ހުއްދަ ދެވޭ ތަނުގައި މަދުވެގެން 100 އަކަފޫޓު ހުންނަން ޖެހޭ އިރު، ފުޅާމިނުގައި މަދުވެގެން އަށް ފޫޓާއި ހަތަރު އިންޗި، އަދި ދިގުމިނުގައި މަދުވެގެން 12 ފޫޓު ހުންނަން ޖެހެ އެވެ. އަދި ދޮރާށީގެ ފުޅާމިނުގައި ހަތް ފޫޓު ހުންނަން ޖެހޭ އިރު، ގަރާޖާ އިންވެގެން އޮންނަ މަގަކީ ފުޅާމިނުގައި މަދުވެގެން 10 ފޫޓު ހުންނަ، އަދި ހަތަރު ފުރޮޅު ލީ ވެހިކަލް ވަނުން ހުއްދަ މަގަކަށް ވާން ޖެހެ އެވެ.

އެ އުސޫލުގައި ބުނާ ގޮތުން، ގަރާޖުގައި ވެހިކަލް ޕާކު ކުރާ ތަނުގެ ތަޅުންގަނޑާއި ސީލިންގްއާ ދެމެދު ހަ ފޫޓުގެ ހުސް ޖާގަ ހުންނަން ޖެހެ އެވެ.

މީގެ އިތުރުން، އެ އުސޫލުގައި ބުނެފައި ވަނީ، ގޯތިތަކުގައި ހަދާފައިވާ އިމާރާތްތަކަށް ޕާކިންގް ގަރާޖުގެ ހުއްދަ ދެވޭނީ، "އިމާރާތް ބޭނުންކުރުމުގެ ހުއްދަ" ނަގައި، އަދި މާލެ ޕްލޭނިންގް ގަވައިދުގެ ދަށުން ޕާކިންގް ބާއްވަން ޖެހޭ އިމާރާތްތަކުގައި ފާސްކޮށްފައިވާ ކުރެހުމުގައިވާ ގޮތަށް އިމާރާތުގައި ޕާކިންގ ގާއިމުކޮށްފައިވާ ނަމަ ކަމަށެވެ.

އަދި، ހައުސިންގް މިނިސްޓްރީ އިން އިމާރާތް ޗެކު ކުރާ އިރު، ފާސްކޮށްފައިވާ ކުރެހުމާ އެއްގޮތަށް ޕާކިންގް ހަމަޖެހިފައި ނުވާ ނަމަ، އިމާރާތް ބޭނުންކުރުމުގެ ހުއްދަ އާއި އިމާރާތަށް ދީފައިވާ އެހެން ހުއްދަތައް ވެސް ބާތިލު ވާނެ ކަމަށް އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން، ޕާކިންގް ގަރާޖެއް ތަޅާލަން ވާނީ، އެތަނުގައި ޕާކު ކުރާން ރެޖިސްޓަރުކޮށްފައިވާ އުޅަނދު ބާއްވާނެ އެހެން ގަރާޖެއް ދެއްކުމަށް ފަހު ކަމަށް ވެސް އެ އުސޫލުގައި ބުނެފައި ވެ އެވެ.

މި އުސޫލުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވެއްޖެ ނަމަ، "މާލޭ ޕްލޭނިންގް ގަވާއިދާ ޚިލާފުވުމުން ޢަމަލުކުރާނެ ގޮތާއި، ކުރެވޭ ޖޫރިމަނާގެ އުސޫލު"ގެ ދަށުން އެފަރާތަކާ މެދު އަމަލު ކުރެވޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ކަނޑައެޅި އުސޫލުގައި ބުނެފައި ވެ އެވެ.