މުދަލާއި ޚިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގައި، ފަތުރުވެރިކަމުގެ ޚިދުމަތްތައް ދޭ ތަންތަން ކަމުގައި ތަނެއް ކަނޑައެޅުމުގައި ބަލަންޖެހޭ މިންގަނޑު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އާންމު ކޮށްފި އެވެ.

މީރާއިން އާންމުކުރި ޓެކްސް ރޫލިންގއެއްގައި ބުނެފައިވާ ގޮތުން، ޓުއަރިސްޓް ރިސޯޓުތަކާއި، ޓުއަރިސްޓް ރިސޯޓެއްގެ ސަރަހައްދުގެ ގޮތުގައި ޓުއަރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ސަރަހައްދާއި، ޓުއަރިސްޓް ހޮޓަލާއި ގެސްޓްހައުސްގެ އިތުރުން، އެތަންތަން ހިންގުމަށް ލޯކަލް ކައުންސިލްތަކުން ނުވަތަ ސަރުކާރުން ބިމެއްގައި ހުންނަ އެފަދަ ތަންތަނާއި، އެނޫން ތަންތަނުގައި ވެސް ޓުއަރިޒަމް މިނިސްޓްރީގެ ހުއްދައާ އެކު ހިންގާ ޓުއަރިސްޓް ހޮޓަލާއި ގެސްޓްހައުސްތަކުގައި ހިންގާ ޑައިވިންގ ސްކޫލް، ސްޕާ، ފިހާރަ، ނުވަތަ ވޯޓާ ސްޕޯޓް ފެސިލިޓީ ފަދަ ތަންތަނުން ވިއްކާ މުދަލާއި ޚިދުމަތް ހިމެނޭނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތް ދޭ ތަންތަނުގެ ގޮތުގަ އެވެ.

އެހެން ނަމަވެސް، ޓުއަރިސްޓް އެސްޓެބްލިޝްމެންޓެއްގައި ގާއިމު ނުވެ ހުންނަ ވިޔަފާރިތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތައް ދޭ ތަންތަނަށް ވަގުތީ ގޮތުން ޒިޔާރަތްކޮށް ވިޔަފާރި ކުރާ ފަރާތްތައް، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތް ދޭ ތަންތަން ކަމުގައި ނުހިމެނޭނެ ކަމަށް އެ ރޫލިންގގައި ބުނެފައި ވެ އެވެ.

މި ރޫލިންގ މެއި ދެވަނަ ދުވަހު ގެޒެޓުގައި ޝާއިއު ކޮށްފައިވާ އިރު، ރޫލިންގ ނެރޭ ތާރީހުން ފެށިގެން އެއަށް އަމަލު ކުރަން ޖެހެ އެވެ.