04 May 2016, 16:46
ބްރެސިލިއާ (މޭ 4): ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑިސިލްވާ ދައުލަތަށް ނިސްބަތްވާ ތެޔޮ ކުންފުނި، ޕެޓްރޯބްރާސްގެ ކޮރަޕްޝަން މަައްސަލައެއްގައި އިސް ދައުރެއް އަދާކުރި ކަމަށް އެގައުމުގެ އެޓާނީ ޖެނެރަލް، ރޮޑްރީގޯ ޖެނޮޓް ވިދާޅުވެއްޖެ އެވެ.
ޖެނޮޓް ވިދާޅުވީ 2003 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދު ރައީސްކަމުގައި ހުންނެވި ލޫލާ އާއި އޭރުގެ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ވަނީ ޕެޓްރޯބްރާސްގެ ފައިސާ ގަވައިދާ ހިލާފަށް ޓްރާންސްފާ ކުރެވޭނެ ސްކީމެއް ތައާރަފް ކުރަން ރާވާފަ ކަމަށެވެ. ޖެނޮޓް ވަނީ ލޫލާ އާއި އިތުރު 29 ފަރާތްތަކާ ދެކޮޅަށް މައްސަލައާ ގުޅޭ ތަހުގީގެއް ފެށުމުގެ ހުއްދައަށް ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަރާތުން އެދިފަ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޖެނޮޓް ވަނީ މިހާރުގެ ރައީސް ޑިލްމާ ރޫސެފްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގު ކުރުމުގެ ހުއްދައަށްވެސް އެދިފަ އެވެ. ރޫސެފްގެ މައްޗަށް ކޮށްފައިވަނީ ޕެޓްރޯބްރާސްގެ ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.
ޕެޓްރޯބްރާސްގެ ކޮރަޕްޝަން މައްސަލައިގެ ސަބަބުންނާއި ގައުމުގެ އިގުތިސާދު ހީނަރުވުމުގެ ސަބަބުން ގައުމުގެ ގިނަ ބަޔަކު ދަނީ ރޫސެފް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އޭނާގެ އިސްތިއުފާ އަށް އެތައް ހާސް ރައްޔިތުން ގޮވާލި ނަމަވެސް، ރޫސެފް ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. (ބީބީސީ)