ޅ. ހިންނަވަރު ހުރިހާ ކައުންސިލަރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އެ ކޮމިޝަނުން އަންގައިފި އެވެ.

ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ގާސިމް މިއަދު ސަން އަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހަތް ކައުންސިލަރުން ހާޒިރުވާން ޗިޓު ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައި ވަނީ އަންނަ ހޯމަ ދުވަހު ދެ ކައުންސިލަރަކު އަދި އަންގާރަ ދުވަހު އަނެއް ފަސް ކައުންސިލަރުން އެ ކޮމިޝަނަށް ހާޒިރުވާން ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން ހުރިހާ ކައުންސިލަރުން ވެސް ހާޒިރުކުރަނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށާއި އެއީ ކޮން މައްސަލައެއްކަން އެ ޗިޓުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަހުގީގީ އިދާރާއަކަށް ހާޒިރުވުމުގެ ކުރިން ކުރެވޭ ތުހުމަތު އެނގެން ޖެހޭނެ ކަމަށާއި ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ވެވޭނީ ވެސް ކުރިން އެކަމަށް ތައްޔާރުވެގެން ކަމަށެވެ.

"ކައުންސިލް އިދާރާގައި ހުރި ހުރިހާ ލިޔުންތަކެއް ހިފައިގެންތޯ އަޅުގަނޑުމެންދާންވީ. އެހެނެއް ނުވާނެ ދެއްތޯ. ކޮމިޝަނަށް ހާޒިރުވުމުގެ ކުރިން އަންގަން އެބަޖެހޭ ދެއްތޯ ކޮން މައްސަލައަކާ ގުޅިގެންކަން މި ހާޒިރުކުރަނީ،" އިބްރާހީމް ގާސިމް ވިދާޅުވި އެވެ.

ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެންތޯ ސާފުކުރުމަށް ތަކުރާރުކޮށް މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގުޅުމުން ވެސް އެ ކޮމިޝަނުން ފޯނަށް ޖަވާބުދީފައިނުވާ ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

ހިންނަވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަތް ކައުންސިލަރުންނަކީ ވެސް އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.

އެ ކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.