09 May 2011, 15:20
ދިއެފްއެމްގެ ކުރީގެ އެޑިޓަރު މުހަންމަދު ރަފީއު )ރިވަރިން( ވަޒީފާއާއި ބެހޭ ގާނޫނާއި ހިލާފަށް ވަޒީފާއިން ވަކި ކޮށްފައިވާތީ 43400ރ. އޭނާއަށް ދިނުމަށް ދިއެފްއެމްގެ މައްޗަށް ވަޒީފާޔާއި ބެހޭ ޓްރައިބިއުނަލް އިން އަމުރު ކޮށްފި އެވެ.
މަޝްހޫރު ވިޔަފާރި ވެރިޔާ ޗަންޕާ މުހަންމަދު މޫސާގެ މޯލްޑިވްސް މީޑިޔާ ކޮމްޕެނީ (އެމްއެމްސީ) ގެ ދަށުން ހިންގަމުން އަންނަ ދިއެފްއެމްގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން އެ ގޮތަށް އަމުރުކޮށްފައިވަނީ ދިއެފްއެމްގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އޭނާ އެ ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލަ މި މަހުގެ ފަސްވަނަ ދުވަހު ނިންމަމުންނެވެ. ޓްރައިބިއުނަލް އިން ދިއެފްއެމްގެ މައްޗަށް އަމުރުކޮށްފައިވަނީ މައްސަލަ ނިންމި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި 43400ރ. އެކީ އެކަށް އެއްފަހަރާ ރިވަރިންނަށް ދިނުމަށެވެ.
ދިއެމްއެމްގެ ވަޒީފާއިން ރިވަރިން ވަކިކޮށްފައިވަނީ އެ ސްޓޭޝަން ހިންގަމުން އަންނަ ކުންފުނި އެމްއެމްސީން ދިއެފްއެމްގެ އިދާރީ އޮނިގަޑަށް ގެނައި ބަދަލަކާއި ގުޅިގެން ރިވަރިން އޭރު ހުންނެވި ވަޒީފާވެސް އުވާލުމުން ކަމަށް ބުނެ އެވެ.
ނަމަވެސް އެ މައްސަލަ ނިންމި ގޮތުގެ ހުލާސާ ބަޔާނުގައި ޓްރައިބިޔުނަލް އިން ބުނެފައިވަނީ ރިވަރިން ވަޒީފާއިން ވަކި ކުރީ އިދާރީ އޮނިގަޑަށް ގެނައި ބަދަލަކާއި ގުޅިގެން ކަމަށް އެމްއެމްސީން މުވައްޒިފުން ރިޑަންޑަންޓް ކުރުމުގައި ގެންގުޅޭ ސިޔާސަތުތަކުން އެގެން ނެތް ކަމަށެވެ.
"މައްސަލަ ރައްދުވި ކުންފުނީގެ މާލީ ހާލަތު އެގޭފަދަ އެއްވެސް ލިޔުމެއް މައްސަލަ ރައްދުވީ ފަރާތުން ހުށަހަޅާފައި ނުވުމާއި މުހަންމަދު ރަފީއު ވަޒީފާއިން ވަކިކުރި މަރުހަލާގައި މުވައްޒަފުން 'ރިޑަންޑަންޓް' ކުރުމުގައި އަމަލުކުރުމަށް ކުންފުނިން ކަނޑައަޅާފައިވާ ސިޔާސަތު އެގެން ނެތުމުން، މުހަންމަދު ރަފީއު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުން ބިނާވެފައިވާ ކަންކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައި ނުވާކަމަށް މައްސަލަ ބެލި މަޖިލީހުން އިއްތިފާގް ވާތީ(އެވެ)،" މަޝްހޫރު ގާނޫނީ ވަކީލް އާޒިމާ ޝުކޫރު ދިއެފްއެމްގެ ދިފާއުގައި ވަކާލާތު ކުރެއްވި އެ މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ޓްރައިބިޔުނަލް އިން ބުނެފައިވެ އެވެ.
ފައިސާގެ އިތުރުން ޓްރައިބިޔުނަލް އިން ވަނީ ދިއެފްއެމްއިން ރިވަރިންނަށް ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުންވެސް ބާތިލުކުރުމަށް އެ ސްޓޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.
"މުހަންމަދު ރަފީއުއަށް 16 ސެޕްޓެމްބަރު 2010 ގައި މައްސަލަ ރައްދުވި ކުންފުނިން ދީފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުމަކީ ވަޒީފާ އާއި ބެހޭ ގާނޫނުގެ 24 ވަނަ މާއްދާ އާއި ހިލާފަށް ދޫކޮށްފައިވާ ލިޔުމެކެވެ،" ދިއެފްއިން ރިވަރިންނަށް ދީފައިވާ އެ ލިޔުމާ ގުޅޭ ގޮތުން ޓްރައިބިޔުނަލް އިން ބުންޏެވެ.