04 May 2016, 15:08
ސިލްކީ ޝާކް ނުވަތަ އޮއިވާލި މިޔަރަކީ ހިމާޔަތް ކޮށްފައިވާ ދިރުމެއްގެ ގޮތުގައި ކަނޑައެޅުމަށް، ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އޮފް އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް މުއާހަދާ)ގެ ކޮންފެރެންސް އޮފް ޕާޓީސްއަށް ދިވެހިރާއްޖެއިން ހުށަހަޅައިފި އެވެ.
ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރާއި ދިރުންހުރި އެހެނިހެން ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، ސައިޓީސް މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
ސައިޓީސްގެ މެމްބަރު ގައުމުތަކުގެ 17 ވަނަ ބައްދަލުވުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދެކުނު އެފްރިކާގެ ޖޮހެނެސްބާގްގައި ފަށާ އިރު، ދުނިޔޭގެ އެކިއެކި ގައުމުތަކުން ވަނީ 13 ވައްތަރެއްގެ މިޔަރާއި މަޑިއަކީ ހިމާޔަތް ކުރެވިފައިވާ ބާވަތްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފަ އެވެ. ޖޮހެނެސްބާގްގައި އޮންނަ ސައިޓީސްގެ ކޮޕް17 ބައްދަލުވުމުގައި މި ޕްރޮޕޯޒަލްތަކާ މެދު ގޮތެއް ނިންމުން އެކަށީގެން ވެ އެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީގެ އޮފިޝަލަކު "ސަން" އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖެއިން ވަނީ ސިލްކީ ޝާކް ނުވަތަ މަސް މިޔަރަކީ ހިމާޔަތް ކުރެވިފައިވާ މިޔަރުގެ ބާވަތެއްގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކަނޑައެޅުމަށް ކޮޕް17 އަށް ޕްރޮޕޯޒަލް ހުށަހަޅާފައި ކަމަށެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، އޮއިވާލި މިޔަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމާޔަތް ކުރެވިފައިވާ މިޔަރެއްގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެއިން ޕްރޮޕޯޒަލް ހުށަހެޅީ 27 އޭޕްރިލް 2016 ވަނަ ދުވަހު ކަމަށެވެ.
އޮއިވާލި މިޔަރަށް މަސް އައިނު މިޔަރޭ ވެސް ކިޔަ އެވެ. މި ބާވަތުގެ މިޔަރު އެންމެ ގިނައިން ފެންނަނީ ކަނޑުމަހުގެ ބާވަތުގެ މަސް އައިނުތަކާ އެކުގައާއި، ކަނޑުގައި ހިނގާ އޮއިވާލި ތަކުގެ ދަށުގައި އުޅޭ އައިނުތަކާ އެކުގަ އެވެ.

ކަނޑި މިޔަރު --
ޕެސިފިކް ޖަޒީރާ ފިޖީއިން ވަނީ، ނުވަ ބާވަތެއްގެ މަޑި ހިމާޔަތް ކުރުމަށް ކޮޕް17 އަށް ޕްރޮޕޯޒަލް ހުށަހަޅާއިފަ އެވެ. އަދި ސްރީލަންކާއިން ވަނީ ކަނޑި މިޔަރު (ތުރެޝާ ޝާކް) ހިމާޔަތް ކުރުމަށް ހުށަހަޅައިފަ އެވެ. ކަނޑި މިޔަރުގެ ނަގޫފަތުގެ މަތީބައި ހުންނަނީ ކަނޑިއެއް ހެން، ވަރަށް ދިގު ކޮށެވެ. ކަނޑި މިޔަރު ގިނައިން ފެންނަނީ އަތޮޅުން ބޭރުން، މާކަނޑުގަ އެވެ.
މި ދެ ބާވަތަކީ ވެސް ރާއްޖޭގެ ކަނޑުތަކުން ފެންނަ ބާވަތުގެ ދެ މިޔަރެވެ. ބައިނަލްއަގުވާމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި ދެ ބާވަތުގެ މިޔަރުގެ އާބާދީ ވަނީ 70 ޕަސަންޓަށް ދަށްވެފަ އެވެ. ސަބަބަކީ، މިޔަރުގެ އުރަހައާއި ކަރު (ގިލްސް) އަށް އޮންނަ ޑިމާންޑު ބޮޑުވެ، އެ ބާވަތްތަކުގެ މިޔަރުތައް ބޭނުން އިތުރު ވުމެވެ.
ސައިޓީސްގެ ކޮޕް17 ބައްދަލުވުމުގައި މި ދެ މިޔަރަކީ ހިމާޔަތް ކޮށްފައިވާ ބާވަތްތަކެއް ގޮތުގައި ކަނޑައެޅިގެން ގޮސްފި ނަމަ، ޝާކް ފިން ނުވަތަ މިޔަރު އުރަހައަށްޓަކައި ބޭނޭ މިޔަރުގެ ނިސްބަތް ވަރަށް ބޮޑުތަން ދަށްވެގެން ދާނެ އެވެ.