04 May 2016, 15:01
ދެހާސް ސާދަ ވަނަ އަހަރު ފަލަސްތީނުގެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާކޮށް، ދިރިހުއްޓައި އަންދާލި މައްސަލައިގައި ހިމެނޭ އިސްރާއީލް މީހަކު އުމުރަށް ޖަލަށް ލުމަށް އިސްރާއީލް ކޯޓަކުން ހުކުމް ކޮށްފި އެވެ.
އުމުރުން 16 އަހަރުގެ މުހައްމަދު އަބޫ ޚުދައިރު ވަގަށް ނަގައި، އޭނާއަށް އެތައް އަނިޔާއެއް ކުރުމަށްފަހު އަންދާލި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އިސްރާއިލްގެ ޔޫސުފް ހާއިމް ބުނު ދާވޫދް (31އ) ގެ މައްޗަށެވެ.
މުހައްމަދު އަބޫ ޚުދައިރު މަރާލި މައްސަލައިގައި ޔޫސުފް ހާއިމް ބުނު ދާވޫދުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި އިރު، އޭނާގެ މައްޗަށް ސާބިތުވި އެހެން މައްސަލަތަކުގައި 20 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފަ އެވެ.
އަދި ޚުދައިރުގެ އާއިލާއަށް 40،000 އެމެރިކާ ޑޮލަރު ދިނުމަށް އޭނާގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ދިރިހުއްޓައި ރޯކޮށް މަރާލި އުމުރުން 16 އަހަރުގެ މުހައްމަދު އަބޫ ޚުދައިރު --
އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، ޚުދައިރުގެ ބައްޕަ އެގޮތަށް ބޭނުންވުމުން ކަމަށް ހަބަރުތައް ބުނެ އެވެ.
ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔަ އިރު ދާވޫދު ވަނީ ޚުދައިރު "މަރާލެވުނު" އިރު އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް އިހުތިޔާރެއް ނެތް ކަމަށް ބުނެފަ އެވެ.
ޚުދައިރު ވަގަށް ނަގައި މަރާލީވެސް ދާވޫދުކަން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައި ވީނަމަވެސް، ހުކުމް އިއްވުން ލަސްވެގެން ދިޔައީ ދާވޫދަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ މީހަކަށް ވުމުން، ހަމަބުއްދި ނެތް މީހަކު ކުރާ ކަމެއްގެ ޒިންމާ ނަގަން ނުޖެހޭ ކަމަށް ބުނެ އޭނާގެ ދިފާއީ ވަކީލުން ހުށަހެޅި ރިޕޯޓުތަކަކާ ގުޅިގެންނެވެ.
ދިފާއީ ވަކީލުންގެ ފަރާތުން ހުށަހެޅި ކަންކަމަށް ބެލުމަށްފަހު މިދިޔަ އޭޕްރީލް މަހު ކޯޓުން ވަނީ އެވާހަކަތަކަށް ރިއާޔަތް ނުކުރުމަށް ނިންމައިފަ އެވެ.
އޭނާގެ އިތުރުންވެސް މައްސަލައިގައި ހިމެނޭ އިސްރާއީލުގެ އިތުރު ދެ މީހަކު އުމުރަށް ޖަލަށް ލުމަށް މިދިޔަ ފެބުރުއަރީ މަހު ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. (ބީބީސީ)