ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ "ޕްލާސްޓިކް ކޮތަޅު ޖާޒީ" ލައިގެން އިންޓަނެޓުގައި މަޝްހޫރުކަން ހޯދި އަފްޣާނިސްތާނުގެ ކުއްޖާގެ އާއިލާއަށް ބިރުދައްކަމުންދާތީ އެ އާއިލާއިން ދިރިއުޅުން ޕާކިސްތާނަށް ބަދަލުކޮށްފި އެވެ.

އަފްޣާނުގެ ކުއްޖާގެ އާއިލާ މިހާރު ދިރިއުޅެމުންދަނީ ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ގުއެޓާގައެވެ.

"އަހަރެންނަށް ކޮންމެ ދުވަހަކު ވެސް 20-30 ވަރަކަށް ނޭނގޭ މީހުން ބިރުދެއްކުމަށް ފޯނު ކުރަމުންދޭ. އަދި އެމީހުން އަހަރެން ކައިރީ އަހަނީ އަހަރެންގެ ދަރިއަށް ގުރުއާން ދަސްނުކޮށްދީ، ފުޓްބޯޅަ ދަސްކޮށްދެނީ ކީތްވެތޯ،" އެ ކުއްޖާގެ ބައްޕަ މުހައްމަދު އާރިފް އަހްމަދީ ސީއެންއެންއަށް ދިން އިންޓަވިއުގައި ބުންޏެވެ.

އޭނާ ބުނީ، ސަލާމަތަށްޓަކައި ޕާކިސްތާނަށް އެ އާއިލާއިން ދިރިއުޅުން ބަދަލުކޮށްފައިވަނީ މީގެ 40 ދުވަސް ކުރިން ކަމަށެވެ.

"އަހަރެންނަށް އެއްވެސް ސަލާމަތެއް ނެތް ކަމަށް އަހަރެންނަށް ގަބޫލުކުރެވުނު. އެ ހިސާބުން ޕާކިސްތާނަށް އަހަރެމެން ބަދަލުވާން ނިންމީ. އަފްޣާނިސްތާނަށް އަމިއްލަ ގައުމު ސަލާމަތްނުކުރެވޭ. ދެން ވަކި އެމީހުންނަށް އަހަރެންނާއި އަހަރެންގެ ދަރިން ސަލާމަތްކުރެވޭނީ ކިހިނެތް؟،" އޭނާ ބުންޏެވެ.

މުރްތާޒާ އަހްމަދީ ނަމަކަށް ކިޔާ ކުއްޖާ އިންޓަނެޓްގައި މަޝްހޫރުކަން ހޯދީ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ. އާޖެންޓީނާގެ ތަރި މެސީއަށް ސަޕޯޓްކުރުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅަކުން ހެދި ޖާޒީ އެ ކުއްޖާ ބޭނުންކުރުމުންދިޔަ ފޮޓޯ ޓުވިޓާގައި އާންމުވުމުން މެސީގެ ސަމާލުކަމަށް އެ ކުއްޖާ ވެގެންދިޔަ އެވެ.

އޭރު ޓުވިޓާގައި ދައުރުވަމުންދިޔަ ފޮޓޯއިން ގިނަ ބަޔަކަށް ބެލެވުނީ އެއީ އިރާގަށް ނިސްބަތްވާ ކުއްޖެއްގެ ގޮތުގައެވެ. ފަގީރު އާއިލާއަކަށް ނިސްބަތްވާ އުމުރުން ފަސް އަހަރުގެ މުރްތާޒާ ހޯދައި، އޭނާއަށް މެސީ ސޮއިކޮށްފައިވާ އަސްލު ޖާޒީއެއް އާޖެންޓީނާ ތަރި ވަނީ ހަދިޔާކޮށްފަ އެވެ.