ބާރު ސްޕީޑުގައި ދުއްވާފައި ގޮސް މަގުމަތީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި ކަމަށް ބުނެ މުޖްތަމައަށް ނުރައްކާތެރި ކަމަށް ފުލުހުން ހާމަކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ގދ. ފަރެސްމާތޮޑާ، އަލި، ޣައްސާން އަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައިފި އެވެ.

ސަލްޓަން ޕާކު ތެރޭގައި މިދިޔަ ޖެނުއަރީ މަހު ދެ މީހެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ދައުވާ ވެސް ލިބޭ ޣައްސާންގެ މައްޗަށް މިފަހަރު ޕީޖީ އޮފީހުން ކުރި ދައުވާގައި ބުނަނީ، އޭޕްރީލް 12، 2010 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ޣައްސާން ވަރަށް ބާރަށް ސައިކަލުގައި ދުއްވާފައި ދަނިކޮށް އުޅަނދު މަޑު ކުރުމަށް އަމަން ބަލަހައްޓަން ހުރި ފުލުހެއް ބުނުމުން ވެސް މަޑު ނުކުކޮށް އޭނާގެ ގައިގައި ސައިކަލުން ޖައްސާފައިވާ ކަމަށެވެ.

ޣައްސާން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި މިއަދު އޮތީ ޕީޖީ އޮފީހުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ސައިކަލުން ޣައްސާން ޖެއްސި ކަމަށް ބުނާ ފުލުސް މީހާ ޝަރީއަތުގެ މަޖިލީހުގައި ބުނީ ޣައްސާން ސައިކަލު ދުއްވާފައި ދިޔައީ ގާތްގަނޑަކަށް 60-80 ދޭތެރޭގެ ސްޕީޑެއްގައި ކަމަށެވެ. އަދި ސައިކަލު މަޑު ކުރުމަށް އަތުން އިޝާރާތް ކުރުމުން ޣައްސާން މަޑު ނުކޮށް އޭނާގެ ގައިގައި ޖެއްސުމަށް ފަހު ދިޔައީ ކަމަށް ފުލުސް މީހާ ބުންޏެވެ. އޭނާ ބުނީ ސައިކަލު ޖެހުނީ އޭނާގެ ފަލަމަސްގަނޑުގައި ކަމަށާއި ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ނަމަވެސް ވަރަށް ތަދުވި ކަމަށެވެ.

ހާދިސާ ހިނގި ތަނުގައި އެ ވަގުތު ހުރި އެހެން ފުލުހަކު ޝަރީއަތުގައި ބުނީ އެރޭ ތަންކޮޅެއް ކުރިން ވެސް ޣައްސާން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ޣައްސާން އަތުލައިގެންފައި ވަނީ ފަހު ފަހަރު ފުލުސް މީހާގެ ގައިގައި ޖައްސާފައި ގޮސް ސައިކަލު ޕާކުކޮށް ގެއަކަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ސަލްޓަން ޕާކުގައި ހިންގި މާރާމާރީގައި ޣައްސާން ވަޅި ހެރި ކަމަށް ބުނާ ދެ މީހުންނަށް ވެސް ވަރަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން އެކެއްގެ މެޔަށާއި ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރާފައިވެ އެވެ. އަނެއް މީހާގެ ވަޅި ހަރާފައި ވަނީ ކަރަށާއި ބޮލަށް ކަމަށްވެ އެވެ.