04 May 2016, 13:03
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މާލެ، ހ. ސަކީނާވިލާ، އާދަމް އަލީ (57އ) ގެ މައްޗަށެވެ.
ޖެނުއަރީ މަހުގެ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުކުމުގެ ކުށުގެ ދައުވާ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން، އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ދައުވާގައި ބުނެފައި ވަނީ އާދަމް އަލީ ތަފާތު އެކި ދުވަސްމަތިން ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ. އެ ދައުވާއަށް އާދަމް އަލީ ވަނީ އިންކާރުކޮށްފަ އެވެ.
ނަމަވެސް މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ކުރި ހުކުމްގައިވެ އެވެ.
އެހެންކަމުން، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުކުމުގެ ކުށް އާދަމް އަލީގެ މައްޗަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އަދަބެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އާދަމް އަލީ 15 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.