04 May 2016, 13:01
ރާއްޖެ އިން ބޭރަށްދާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ވިއްކަމުން އަންނަ ޑޮލަރު އެ ބޭންކުގެ ބާޒާރު ބުރާންޗުން އެކަނި ވިއްކާ ގޮތަށް ހަމަޖައްސައިފި އެވެ.
އެގޮތަށް ބީއެމްއެލް އިން ހަމަޖެއްސީ އެއް ތަނަކުން ޑޮލަރު ގަންނަން ލިބޭނެގޮތް ހެދުމުގެ ބޭނުމުގައާއި ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބީއެމްއެލް އިން ބުނީ މާލޭ ސިޓީގައި ޑޮލަރު ވިއްކުމަށް ހަމަޖެހިފައި ވަނީ ބީއެމްއެލްގެ ބާޒާރު ބްރާންޗުން ކަމަށެވެ. އެއީ ކަސްޓަމްސް ކައިރިއަށްވާ ގޮތަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ ބްރާންޗެވެ.
ބީއެމްއެލް އިން ބުނީ މިމަހު 8ވާ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެ އިން ބޭރަށްދާ ފަރާތްތްތަކަށް ބީއެމްއެލްގެ ބާޒާރު ބްރާންޗްގައި ހާއްސަ ކައުންޓަރުތަކުން ޑޮލަރު ވިއްކަމުންދާނެ ކަމަށެވެ.
އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ގިނަ ވެގެން 500 ޑޮލަރުކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ޑޮލަރު ގަންނަން ދާއިރު ޕާސްޕޯޓާއި ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވާ ޓިކެޓް ހުށަހަޅަން ޖެހޭނެ ކަމަށާއި ޑޮލަރު ވިއްކަމުންދާނީ ބޭންކުގެ ހިދުމަތް ދޭ ގަޑިތަކުގައި އެކަނި ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސްނެންގެވުމެއްގެ ދަށުން ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް އެންމެ ފުރަތަމަ ޑޮލަރު ވިއްކަން ފަށާފައިވާ ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ބީއެމްއެލް އަކީ އެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން އަންނަ ބޭންކު ކަމަށްވާ އިރު މަހަކު 10،000 އަށް ވުރެ ގިނަ ދަތުރުވެރިންނަށް ބޭންކުން އަންނަނީ އެ ހިދުމަތް ދެމުންނެވެ.
ބީއެމްއެލް އިން ބުނީ އެ ބަދަލު ގެނައި ނަމަވެސް، ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ވިއްކާ ޑޮލަރު ފިޔަވައި އެހެން ބޭނުންތަކަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ކުރިއެކޭ ވެސް އެއްގޮތަށް ބޭންކުގެ އެހެން ބްރާންޗްތަކުން ލިބެމުންދާނެ ކަމަށެވެ.
އެ ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖެ އިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކުމަކީ ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.
މިހާރު އެ ހިދުމަތް ދެމުން އަންނަގޮތަށް ވުރެ ރަނގަޅަށް ހިދުމަތް ދެވޭނެ ގޮތެއް ބެލުމަށް ފަހު ބޭންކުން ނިންމީ އެއް ބްރާންޗަކުން ޑޮލަރު ވިއްކުމަށް ކަމަށާއި އެކަމުގެ ސަބަބުން މާލޭގައި ހުރި ބީއެމްއެލްގެ ބްރާންޗްތަކުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ޖުމްލަގޮތެއްގައި ރަނގަޅުވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.