އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުގެ ހިތްވަރު އާކުރުމަށް އެ މެޗުން ތިން ޕޮއިންޓް ވަރަށް މުހިންމު ކަމަށް އެ ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މާދަމާ ހަވީރު ކުޅޭ މެޗަށް ނުކުންނައިރު، ޓީސީ ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އަތުން 2-1 ލަނޑުން ބަލިވެފަ އެވެ. އަދި ލީގުގައި ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓުވި ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވެފައިވަނީ 5-2 ލަނޑުންނެވެ.

މާދަމާގެ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުލުވުމުގައި ވާހަކަދައްކަމުން ނިޒާމްބެ ބުނީ، ކުރީ މެޗުގައި ހަމައެކަނި ގޯސްވެގެންދިޔައީ ނަތީޖާ ކަމަށާއި އެނޫން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި ސީޒަނެއްގެ ފުރަތަމަ މެޗުގައި ފެނިދާނެ ހުރިހާ ކަމެއް އެ މެޗުގައި ފެނިގެންދިޔަ ކަަމަށްވެސް ޓީސީގެ ކޯޗު ބުންޏެވެ.

"ޓީމުގެ ކުޅުން ވެސް ހަމަ ރަނގަޅު. މާ ބޮޑު މައްސަލަތަކެއް ވެސް ނެތް. އެހެން ނަމަވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް ފެނިގެންދިޔަ. ކުރިއަށްއޮތް މެޗަށް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު، ޓީސީއަށް ވަރަށް މުހިންމު ޓީސީގެ ހިތްވަރު އާކޮށް، ސީޒަން ފަށަން. އެހެންވީމަ އެގޮތުން ކުރިއަށްއޮތް މެޗުގައި ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް. ޓީސީ ނުކުންނާނީ އެ އަޒުމުގައި،" އޭނާ ބުންޏެވެ.

ނިޒާމްބެ ބުނީ، ވިކްޓަރީ ޓީމަކީ ހަމައެކަނި ނަމަށް ބަލައިލިޔަސް އެންމެ ކާމިޔާބު އެއް ކްލަބު ކަމަށާއި އެހެންކަމުން އެ އިހުތިރާމް ހަމަގައިމު ވެސް ދޭނެ ކަމަށެވެ. އަދި ޚާއްސަކޮށް މިކަހަލަ ކުޑަ މުޖުތަމައެއްގައި ނަމަކީ ވަރަށް ބޮޑު އެއްޗެއް ކަމަށް ވެސް ޓީސީގެ ކޯޗު ބުންޏެވެ.

"އެހެންނޫނަސް ދުނިޔޭގެ ބޮޑު ލީގުތަކުގައި ވެސް ބޮޑު ނަން އެއީ ކިތަންމެ ދަށްކޮށް ޓީމުތައް ގޮވައިގެން ނުކުތަސް ވަރަށް ވަރުގަދަ ފައިޓެއް ދޭ އެއްޗެއް. މިފަހަރު ވިކްޓަރީ މިއޮތީ ވަރަށް ރަނގަޅު ސްކޮޑަކާއެކު، ވަރަށް ރަނގަޅަށް ތައްޔާރުވެގެން އައި ޓީމެއްގެ ގޮތުގައި. އަދި ފުރަތަމަ މެޗުގައި ކޮންމެ ނަތީޖާއަކުން ބަލިވިޔަސް އެއީ ސީޒަނުގައި ވިކްޓަރީއެކޭ އަޅުގަނޑު ނުދަންނަވާނަން. އެހެންވީމަ ވިކްޓަރީން ވަރަށް ވަރުގަދަ މެޗަކަށް ނުކުންނާނެކަން، ވިކްޓަރީއަކީ ވަރުގަދަ ޓީމެއްކަން ދެނެގެން އިހްތިރާމް ދީގެން ކުޅޭނީ،" އޭނާ ބުންޏެވެ.

ނިޒާމްބެ ބުނީ، ޓީސީގެ ވެސް އެހެން ކްލަބުތަކުގައި ވެސް ވަރަށް ބޮޑެތި ދަތިތަކެއް އުޅޭ ކަމަށާއި ކުޅުންތެރިންގެ ސިއްހީ ހާލަތު މާހައުލުގެ ކަންތައްތައް މި ވަގުތު ހުރި ގޮތުން މައްސަލަތަކެއް އުޅޭ ކަމަށެވެ.

"ފާޑުފާޑުގެ ރޯގާތަކާއި، އެކިކަހަލަ ބަލިމަޑުކަން އެބައުޅޭ މުޖުތަމައު ތެރޭގައި. އެކަންތައް ކްލަބުތަކުގެ ކުޅުންތެރިންނަށް ވެސް ދިމާވަމުން މި އަންނަނީ. އެކަހަލަ މައްސަލަތަކެއް އެބައުޅޭ ޓީސީގައި ވެސް. ޓީސީގައި މި ވަގުތަށް އެންމެ ރަނގަޅު ކުޅުންތެރިންނާއެކު، ވަރަށް ރަނގަޅަށް ވިކްޓަރީގެ މެޗަށް ތައްޔާރުވެފައި މި އޮތީ،" އޭނާ ބުންޏެވެ.

އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީސީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ)އަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ އަސްލު ކުޅުން ފެނިގެންދާނެ މެޗު ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

"ސެންޓޭ އަސްލުގައި ޓީސީ ޖާޒީގައި ކުޅޭނެ ދުވަސް. އެއީ ސެންޓޭ ޓީސީ ޖާޒީގައި ސީޒަން ފަށްޓާ ދުވަސް. އެ ދުވަހަކީ ސެންޓޭގެ ބޮޑު ދުވަހަކަށް ވެގެންދާނެ. އެންމެ ފުރަތަމަ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަސްލު ސެންޓޭގެ ފެންވަރުގައި ނުކުޅެވި ދިޔައީ. އެހެން ނަމަވެސް މިހާރު އެ ދުވަހު އެ ދިމާވި ހުރިހާ ކަމަކަށް ބަލައި، އެކަންކަން ރަނގަޅުކޮށްގެން ސެންޓޭ ތަފާތުކޮށް ފެންނާނެ މެޗަކަށް ވާނެ. ހާއްސަކޮށް ޓީސީގެ ސްޓްރައިކިން ލައިން ވަރަށް ތަފާތުކޮށް ފެނިގެންދާނެ މެޗަކަށް ވާނެ،" އޭނާ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ވިކްޓަރީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ.