ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، އެ ހޮސްޕިޓަލުގައި ވަޒީފާ އަދާކުރާ ތިން މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.

މި މައްސަލައަށް ތުހުމަތު ކުރެވޭނީ، އޭޑިކޭ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ އޭޕްރިލް 30 ވަނަ ދުވަހު މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން، ފުލުހުންގެ ތިން ޑިޕާޓްމެންޓަކުން ވަނީ އޭޑީކޭގެ ސީނިއާ މެނޭޖްމެންޓާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ޚާއްސަ އޮޕަރޭޝަނެއް ހިންގައިފަ އެވެ.

ފުލުހުން ބުނީ، ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން މުވައްޒަފުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ އޭޑީކޭ ހޮސްޕިޓަލުގެ ތެރެއިން ކަމަށާއި، ތިންވަނަ މީހާ ހައްޔަރުކުރީ އޭޑީކޭ ކައިރިން، މަގުމަތިން ކަމަށެވެ. ތިން މީހުން އަތުން ވެސް ފައިސާއާއި ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުންކުރާ ބައެއް ވަސީލަތްތަކެއް ވަނީ ފެނިފަ އެވެ. އޭގެ އިތުރުން، އެ ތިން މީހުން ދިރިއުޅޭ ތަންތަނުން ވެސް ފުލުހުން ވަނީ ފައިސާގެ އިތުރުން، މައްސަލައާ ގުޅުންހުރި ތަކެތި ހޯދާފަ އެވެ.

ތިން މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ. މި ތިން މީހުން ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް އެމީހުން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ، މިއަހަރު ފެށުނީއްސުރެ، އޭޕްރިލް 29 ވަނަ ދުވަހުގެ ނިޔަލަށް، އެ ތިން މުވައްޒަފުން ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން އެއް މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.