ރާއްޖޭގައި މީހުން ދިރިއުޅޭ ގިނަ ރަށްތަކެއް ބޯ ފެނަށް ޖެހިފައި އޮތް އޮތުން ގާތްގަނޑަކަށް ހައްލުވެ ރަށްރަށަށް ފެން ތިޔާގިވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭމަންޓް ސެންޓަރުން ބުނެފި އެވެ.

ޑިޒާސްޓާ ސެންޓަރުގެ އިމަޖެންސީ ރެސްޕޮންސް އޮފިސަރު މުހައްމަދު ދީދި )ޑީޑީ( މިއަދު ވިދާޅުވީ އަހަރުގެ ފުރަތަމަ ކޮޅުން ފެށިގެން ރަށްރަށުން ފެން ހުސްވެ ގިނަ އަދަދެއްގެ ރަށްރަށަށް ބޯފެނަށް ޖެހުމުން 118 ރަށަކުން ބޯފެން ހޯދަން އެ ސެންޓަރުގައި އެދުނު ކަމަށާއި އޭގެ ތެރެއިން 18 ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ފެން މިހާރު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ދެ ވަނަ ބުރެއްގައި ފެން ހޯދަން 44 ރަށަކުން އެދިފައިވާ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.

"ފެން އެއް ގޮތަކަށް ވެސް ފޯރުކޮށް ނުދެވި އޮތް 18 ރަށަށް ވެސް މިވަގުތަކު ފެނެއް ބޭނުމެއް ނުވޭ. އެއީ ވާރޭ ވެހުމުގެ ސަބަބުން ފެން ތިޔާގިވެފައިވާތީ. ފެނަށް ޖެހެނު، އަދި ފެން ފޯރުކޮށްދިން ގިނަ ރަށްތަކަކަށް ވެސް ވިއްސާރަވެ، ފެން ވަނީ ތިޔާގިވެފައި. އެހެން ކަމުން އަޅުގަނޑުމެން މިހާރު ބަލައިގެން މިތިބީ ފެނަށް ޖެހުނު ހުރިހާ ރަށަކަށް ވެސް ގާތްގަނޑަކަށް ފެންތިޔާގި ވެއްޖެ ކަމަށް. އެކަމަކު މިދަނީ ފެން ފޯރުކޮށްދެމުން،" ޑީޑީ ވިދާޅުވި އެވެ. އެނާ ވިދާޅުވި އެވެ.

ރަށްރަށަށް ބޯފެނުގެ މައްސަލަތައް ދިމާވުމުގެ ސަބަބުން މިވީ ދުވަސްތަކުގެ ތެރޭގައި 5400 ޓަނުގެ ފެން ފޮނުވާފައިވާނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އަދި ބުނީ މިހާރު ވިއްސާރަ މޫސުމާ ވެސް މިހާރު ކުރިމަތިވެފައިވާ ކަމަށާއި މިއަރު އިތުރަށް ރަށްރަށަށް ބޯފެނަށް ނުޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ޑީޑީ މިއަދު ވިދާޅުވި އެވެ.