04 May 2016, 13:20
ރާއްޖޭގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ޕްރޮމޯޓު ކުރުމަށް އެހީތެރިވެދިނުމަށް ޚާއްސަ އެޑްވައިޒަރެއް ރާއްޖެ އަށް އައްޔަނު ކޮށްދެއްވުމަށް، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ ކިބައިން އެދިވަޑައިގެންފި އެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ގައުމީ ރީފޯމް ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށް ރާއްޖެ އިން ތައްޔާރު ކަމަށާއި މިކަމަށް ކޮމަންވެލްތާއި، އދ.ގެ އިތުރުން ވިލާތުގެ އިއްތިހާދުގެ ޓެކްނިކަލް އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އަދި މިކަމުގައި ޚާއްސަކޮށް ކޮމަންވެލްތުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މިހާރު މަޑުކުރަމުން ދަނީ އެ ޖަމިއްޔާ އިން ދޭ ޖަވާބެއްގެ އިންތިޒާރުގައި ކަމަށް ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ގައުމަށް ކުރިމަތިވާ މުހިންމު މައްސަލަތަކުގައި ދިމާވާ ޚިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމުގެ ފުރުސަތު ސަރުކާރުން އަބަދު ވެސްދޭ ކަމަށް ދުންޔާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ޕްރޮމޯޓުކޮށް، އެ ދާއިރާތަކުގެ ސިޔާސަތުތަކާއި އަމަލުކުރަންވީ މިންގަނޑުތައް އެކުލަވައިލުމަށް އެހީތެރިވެދޭނެ ޚާއްސަ އެޑްވައިޒަރެއް އައްޔަނު ކޮށްދިނުމަށް އދ.ގެ ހައި ކޮމިޝަނަރު ފޮ ހިއުމަން ރައިޓްސްގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.